English Edition
Dhivehi Edition
ފޮޓޯ:އޭއޯ ނިއުސް

ފުވައްމުލައް ސިޓީގެ އިހްތިސާސް ތެރޭގައި ހިމެނޭ ކަނޑުގެ ސަރަހައްދުތަކުގައި ޑައިވްކުރާ ފަތުރުވެރިންގެ އަތުން ފީއެއް ނަގަން ފުވައްމުލައް ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިއަހަރުގެ އެޕްރީލް އެއްވަނަ ދުވަހުން ފެށިގެން ފުވައްމުލަކުގެ އިހްތިސާސް ހިމެނޭ ކަނޑުގެ ސަރަހައްދުތަކަށް ޑައިވްކުރާ ފަރާތްތަކުގެ އަތުން ފީއެއް ނެގުމަށް ނިންމާފައިވާއިރު ކައުންސިލުންވަނީ ޑައިވް ރޭޓް ތައް ހާމަކޮށްފައެވެ. ސަފާރީތަކުން އައިސް ޑައިވްކުރާ ފަރާތްތަކުން ކުރާ ކޮންމެ ޑައިވަކަށް ބޮލަކަށް 15 ޑޮލަރު ޗާޖުކުރުމަށް ހަމަޖެހިފައިވާއިރު ގެސްޓުހައުސްތަކަށް އައިސްތިބޭ ފަތުރުވެރިން ކުރާ ކޮންމެ ޑައިވަކަށް ބޮލަކަށް 7 ޑޮލަރު ނަގަން ވަނީ ނިންމާފައެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ޑައިވްކުރާ މީހުންގެ އަތުން ފީ ނެގުމާ ގުޅޭ އުސޫލެއް މާރޗް ފުރަތަމަ ދުވަހުގެ ނިޔަލަށް ހަދައި މި އުސޫލަށް އެޕްރީލް އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރާނެކަމަށް ބުނެފައެވެ.

ފުވައްމުލައް ސިޓީގައި ފަތުރުވެރިކަން ފުޅާވެ ކުރިއަރަމުން އަންނައިރު މިޔަރު ޑައިވިން ކުރަން ރާއްޖޭގެ އެންމެ މަގްބޫލު ޕޮއިންޓްތައް ހިމެނެނީ އެ ސިޓީގެ އިހްތިސާސްތަކުގެ ތެރޭގައެވެ. ދާދިފަހުންވެސް ރަޝިއާގެ އެންމެ ބޮޑު ބިލިއަނަރުގެ ސުޕަރ ޔޮޓް، ނޯރޑް ފުވައްމުލަކުގެ ބޭރުގައި ބާއްވައި ގިނަ އަދަދެއްްގެ ފަތުރުވެރިން ޑައިވްކޮށްފައިވާއިރު، ފަތުރުވެރިން ކުރާ މިފަދަ ޑައިވްތަކުން، ފުވައްމުލައް ސިޓީއަށް ވެސް މަންފާއާއި ފައިދާ ވާންޖެހޭކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.