ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމު، މިހާރު ދައްކަވަމުން ގެންދަވަނީ ގައުމުގެ ސަލާމަތަށް ނުރައްކާހުރި ވާހަކަތަކެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފް މިހެން ވިދާޅުވީ، މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މި ޖަލްސާގައި ހަސަން ލަތީފް ވިދާޅުވީ ރައީސް ކަން ކުރެއްވި ބޭފުޅަކުގެ އަމަލުތައް ހުންނެވި ގޮތް ސަރުކާރުން ވެސް ސާފު ކުރަން ޖެހޭ ކަމަށެވެ. އަދި މިހާރު ރައީސް ޔާމީން ދައްކަމުން ގެންދަވަނީ ގައުމުގެ ސަލާމަތަށް ނުރައްކާހުރި ވާހަކަތަކެއް ކަމަށާއި ލަސްނުކޮށް ރައީސް ޔާމީން ހިފާ ހައްޔަރުކުރަން ޖެހޭ ކަމަށް ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީން އިސްވެ ހުންނަވައިގެން މިހާރު ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ޝިއާރުގައި ފަތުރަމުން ގެންދަވަނީ ގައުމީ ސަލާމަތަށް ނުރައްކާތެރި ކަންކަން ފާހަގަކޮށް ހަސަން ލަތީފް ވަނީ އިދިކޮޅު ފަރާތްތަކުގެ ހަރަކާތް މިހާރު އަމާޒުކޮށްފައި ވަނީ ރާއްޖޭގައި އުޅޭ އިންޑިއާގެ ޚިދުމަތްތެރިންނަށް ކަމަށް ތުހުމަތުކޮށްފައެވެ.
‘އިންޑިއާ އައުޓް’ ކެމްޕެއިނާއި ދެކޮޅަށް ސަރުކާރާއި، އެމްޑީޕީގެ އިސް މެމްބަރުން ކަންބޮޑުވުންފާޅުކުރަމުން އަންނައިރު، އިދިކޮޅު ފަރާތްތަކުން ވަނީ މިހާރު މި ހަރަކާތް އިތުރަށް ފުޅާކޮށްފައެވެ. މިގޮތުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އަންނަނީ މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާކުރަމުންނެވެ.