ށ. ކޮމަންޑޫގައި، ސަރުކާރުން ބާރު ސްޕީޑްގައި ޕްރޮޖެކްޓުތަކެއް ފަށާފައިވާއިރު, އެ ދުވެލި ބޭނުންވާނަމަ ހއ.އަތޮޅުގެ މެމްބަރުން އިސްތިއުފާ ދިނުމަށް ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ގޮވާލައްވައިފިއެވެ.
ހއ. ދިއްދޫގައި ކޮވިޑް19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާއިރު އެ ރަށުގައި ކޮވިޑް19 އަށް ޓެސްޓުކުރާ މީހުންގެ ނަތިޖާ ލިބުން ލަސްވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. ދިއްދޫގައި ހުންނަ ހއ.އަތޮޅު ހޮސްޕިޓަލަށް މީގެ 10 މަސް ކުރިން ކޮވިޑަށް ޓެސްޓު ކުރާ މެޝިނެއް ގެނައި ނަމަވެސް މެޝިނުގެ ހިދުމަތް އެއްވެސް ފަރާތަކަށް އަދި ލިބިފައެއް ނުވެއެވެ. މީގެ އިތުރުން ދިއްދޫގައި ބަލިކޮންޓްރޯލްކުރުމަށް، ކަމާއި ބެހޭ އިދާރާތަކުން އެކަށީގެންވާ ފިޔަވަޅުތައް އަޅާފައިނުވާކަމަށް ބުނެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅިގެން އަބްދުﷲ ރަޝީދު ވިދާޅުވީ ކޮވިޑަށް 2 އަހަރުވެގެން ދިޔައިރުވެސް ހއ.އަތޮޅުގެ ކަރަންޓީނު ފެސިލިޓީ އާއި ކޮވިޑް މެޝިން ނެތުމަކީ އަތޮޅުގެ 5 އެމްޕީ އިންނާއި މި ސަރުކާރުން ރައްޔިތުންނަށް ވީ ބޮޑު އިހުމާލެއްކަމަށެވެ. އަދި މެމްބަރުން އިސްތިއުފާ ދެއްވާފައި އަލުން ކުރިމަތިލުމަށް ގޮވާލަމުން އަބްދުﷲ ރަޝީދު ވިދާޅުވީ، އޭރުން ކޮމަންޑޫ އަށްވެސް އެ އަންނަ ކަހަލަ ބާރުމިނުގެ ތަރައްގީ ހއ.އަތޮޅަށް ވެސް އަންނާނެ ކަމަށެވެ.
ށ.ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ފެބްރުއަރީ މަހު ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު ސަރުކާރުން ވަނީ އެ ރަށުގައި ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ފަށާފައެވެ.