English Edition
Dhivehi Edition

ހއ. ހއ. ދިއްދޫ ބަނދަރާއި ޖެޓީ ހެދުން ދަނީ ބާރަށް ކުރިއަށް ކަމަށް އެ މަސައްކަތްކުރާ ކުންފުނި އެމްޓީސީސީ އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ 61 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައި ކަމަށެވެ.

އެގޮތުން ބޭރުތޮށި ލުމުގެ މަސައްކަތް ނިމި، ރިވެޓްމެންޓް ޕްރޮފައިލް ކުރުމުގެ މަސައްކަތް ވަނީ 81 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށް ބުންޏެވެ.

މީގެ އިތުރުން، ހާބަރ ޕޭވްމެންޓް އެޅުމުގެ މަސައްކަތުގެ 77 އިންސައްތާއި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 85 އިންސައްތަ ވެސް މިހާރު ވަނީ ނިންމާލެވިފައި ކަމަށް ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން، 78,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 58 މީޓަރުގެ ގްރޮއިން ޖެހުން ހިމެނެ އެވެ. އަދި 478 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 630 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން 6،858 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ޖެޓީއެއް ހެދުމާއި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

މި މަޝްރޫޢަކީ 75.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.