English Edition
Dhivehi Edition

ގދ. ތިނަދޫގައި ތަރައްގީކުރާ އައު ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައިފިއެވެ.

މި ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައިދެއްވީ މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ތިނަދޫގެ ފުލުހުންގެ އައު އިމާރާތް އެޅުމުގެ މަސައްކަތަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ދާޚިލީ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށް، ރައްޔިތުންނަށް އަމާންކަން ގާއިމުކޮށްދިނުމަށްޓަކައި ސަރުކާރުން ފަށާފައިވާ ފުޅާ މަސައްކަތުގެ ތެރެއިން ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ.

“ރާއްޖޭގެ މުޅި މަސްރަހް މިއަދު ދަތުރުކުރަމުންދާ ގޮތުން ރާއްޖޭގައި ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު އެއްކަމަކި ކުށްމަދު އަމާން މުޖުތަމައެއް ގާއިމް ކުރުން. އަދި މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކްތަކާއި ގޭންގް ހަދައިގެން ހިންގާ ބޮޑެތި ކުށްތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތުގެ ފުރިހަމަ ނަތީޖާއަކަށް ބަދަލުވެގެންދާނީ އެ ކުށްކުރާ ފަރާތްތަކަށް އެހީތެރިވާވުން ހުރިހާ ލެވެލްއެއްގައި ހުއްޓާލައިގެން.” މިނިސްޓަރ ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކައިގައި ވިދާޅުވީ ފުލުހުންގެ މަސައްކަތްތައް އަމާޒުކުރެވިފައިވަނީ ރައްޔިތުންނަށް ފުލުހުން ދޭ ޚިދުމަތް އަލުން ތަރުތީބުކޮށް ޑިމޮކްރަޓިކް ވެއްޓަކަށް އެކަށޭނެ އަދި ތަރައްގީވެފައިވާ ފުލުހުންގެ ޚިދުމަތްތަކެއް މުޅި ރާއްޖެއަށް ފޯރުކޮށްދޭ މުއައްސަސާއަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ބަދަލުކުރުން ކަމަށެވެ.

“ފުލުހުންގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެކަށީގެންވާ ފެންވަރުގެ މަރުކަޒުތައް ގާއިމުކުރުމަކީ ވަރަށް ބޮޑު އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެއް. ހަމައެއާއެކު އެންމެންނަށް ސާފުކޮށް ފެންނަ ކުށާއި ސަލާމަތީ މާހައުލަށް އަންނަމުންދާ ބޮޑެތި ބަދަލުތަކީ ގޮންޖެހުން ގިނަ ބަދަލުތަކެއްކަމަށާއި އެހެންކަމުން ސިނާއީ މަސައްކަތްކުރާ ފަރާތްތަކާއި ވިޔަފާރިކުރާ ފަރާތްތަކާއި ފަތުރުވެރިކަމުގެ ދާއިރާއަށާއި ވަކިންޚާއްސަކޮށް ގދ. އަތޮޅުގެ ރައްޔިތުންނަށް ދެވެމުންދާ ރައްކާތެރިކަމާއި ފުލުހުންގެ ހިދުމަތައް އިތުރަށް ފުޅާކުރަންޖެހޭ.” ސީޕީ ހަމީދު ވިދާޅުވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ އެޅިގެންދިޔަ ބިންގަލަކީ އެކަންކަން ފުރިހަމަކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށާއި މި ބިންގަލީ ގދ. އަތޮޅުގެ އިގްތިސާދީ ސިނާއަތާއި އިޖްތިމާއީ ފޭރާން ވަރުގަދަ ކުރުމަށް ފުލުހުންގެ ފަރާތުން ބޭނުންވާ ރައްކާތެރިކަން އިތުރުކުރުމަށް އެޅިގެންދިޔަ ބިންގަލެއްކަެވެ.

މިރަސްމިއްޔާތުގައި ތިނަދޫ ކައުންސިލްގެ ރައީސް ވިދާޅުވީ އެޅިގެން މިދާ ބިންގަލަކީ މުޅި ހުވަދު އަތޮޅުގެ ރައްޔިތުންނަށް އެ އިމާރާތަކުން ރައްކާތެރިކަން ކަށަވަރު ވެގެންދާނެ އިމާރާތެއް ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ތިނަދޫގައި ޚިދުމަތް ފޯރުކޮށްދެވޭނެ މިންވަރަށް ފުލުހުން ބޭތިއްބުމަށާއި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކަމާއި އަވަސްކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކޮށްދިނުމަށް އޭނާ ވަނީ އެދިލައްވާފައެވެ.