English Edition
Dhivehi Edition
22 ފެބުރުވަރީ 2023: މަސްތުވާތަކެތީގެ މައްސަލައެއްގައި ތިނަދޫއާއި ނޮޅިވަރަންފަރުން 2 މީހަކު ހައްޔަރުކޮށްފި - ފޮޓޯ: ޕޮލިސް

މަސްތުވާތަކެއްޗާއެކު ގދ. ތިނަދޫއާއި ހދ. ނޮޅިވަރަންފަރުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި ތިނަދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި 42 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވެފައިވާ ގޮތުގައި ކުޅުދުއްފުށިން ނޮޅިވަރަންފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި 30 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށް ބަލައިފާސްކޮށްފައިވާ ކަމަށާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓުން އޭނާގެ ބަންދަށް 13 ދުވަސް ޖަހާދީފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ދަނީ މިހާރު މި ދެ މައްސަލަވެސް އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.