އޭޝިއަންކަޕް ކޮލިފައިންގައި މާދަމާރޭ އޮމާނާ ދެކޮޅަށް ރާއްޖެކުޅޭ މެޗަށް ނިކުންނާނީ ފުރަތަމަ ލެގުގައި ވީބަލި ހަނދާން ނަތާލައި މެޗުން މޮޅުވުމަށް ކަމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް ޑަރެން ސްޓެވާޓް ބުނެފިއެވެ.
ކޯޗު ސްޓެވާޓް ބުނީ ގައުމީ ޓީމުގެ ފަރިތަކުރުންތައް ދޫކޮށް މާޒިޔާގެ ފަރިތަކުރުންތަކުގައި ބައިވެރިވި އިސްމާއިލް އީސަ (މެސީ) އަށް ދެން ދުވަހަކުވެސް އޭނާގެ ކޯޗު ކަމުގައި ގައުމީ ޓީމުން ފުރުސަތެއް ނުދޭނެކަމަށެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި އޮމާނާއި ރާއްޖެ އޮމާންގައި ބައްދަލުކުރި މެޗު 5-0 ލަނޑުން ކާމިޔާބުކޮށްފައި ވަނީ އޮމާންއެވެ.
ކޮލިފައިންގެ ކޮންމެ ގްރޫޕަކުން ދެ ޓީމަށް އޭޝިއަން ކަޕްގެ ފުރުސަތު ލިބިގެންދާއިރު ރާއްޖެ ހިމެނޭ ގްރޫޕް ޑީގެ އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް 9 ޕޮއިންޓާއެކު ފަލަސްތީނެވެ. އޮމާނަށް ތިން މެޗުން 6 ޕޮއިންޓާއެކު ދެވަނަ މަގާމް ލިބިފައިވާއިރު ރާއްޖެއަށް ލިބިފައިވަނީ 3 ޕޮއިންޓާއެކު ތިންވަނަ އެވެ. ހަތަރުވަނައިގައި އޮތް ބޫޓާނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ގައުމީ ކޯޗު ބުނީ އަދިވެސް އުންމީދު ކަނޑާނުލާ ކަމަށާއި ބޭނުން ވަނީ މާދަމާގެ މެޗުން މޮޅުވެ އޮމާނާ ޕޮއިންޓްގެ ގޮތުން އެއްވަރު ކުރުމަށް ކަމަށެވެ. ގައުމީ ކޯޗު ބުނީ ކިތަންމެ ހަނި ފުރުސަތެއް އޮތަސް ޓީމުއޮތީ އުންމީދުގައި ކަމަށާއި ބޭނުން ވަނީ ސަޕޯޓަރުންގެ ހިތްވަރު ކަމަށެވެ.
އޭޝިޔަން ކަޕް ކޮލިފައިންގައި މާދަމާ ރޭ 9 ޖަހާއިރު ގަލޮޅު ދަނޑުގައި ކުޅޭމެޗުން ގައުމީޓީމުގެ އިތުބާރު ފޯވާޑް އަދި ކެޕްޓަން އަލީ އަޝްފާގު ނުފެންނާނެއެވެ. އޭނާ މިވަގުތު ހުރީ އަނިޔާގައެވެ.