އޭސިއަން ކަޕް ކޮލިފައިންގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި މާދަމާ ރާއްޖެ އާއި ބޫޓާން ކުޅޭ މެޗަށް ނެގި ސްކޮޑަށް ގިނަ ދުވަސްތަކަށް ފަހު މުޙައްމަދު އާރިފް (ބަކާ) ނަގައިފިއެވެ.
މާދަމާ ބޫޓާން އާއި ކުޅޭ މެޗަށް ނެގި ސްކޮޑްގައި ތަޖުރިބާ ކާރު މިޑްފީލްޑާ ބަކާ ހިމެނި އިރު ކޯޗު ސެގެޓް ވަނީ މާޒިޔާގެ ޒުވާން ކުޅުންތެރިޔާ ނާއިޒް ހަސަން (ދާދު) ވެސް އަލުން ޓީމްގައި ހިމަނާފައެވެ.
ސިންގަޕޫރާއި އެއްކޮށް ކުޅުނު އެކުވެރި ކަމުގެ މެޗުގައި މިދެކުޅުންތެރި ހިމަނާފައި ނުވި ނަމަވެސް މާދަމާރޭ ބޫޓާނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ކޯޗު ޕީޓާ ސެގަޓް ވަނީ ބަކާއާއި ދާދު ސްކޮޑުގައި ހިމެނިކަން ކަށަވަރުކޮށްދީފައެވެ.
ގިނަ އަހަރުތަކެއް ވަންދެން ގަވައިދުން ގައުމީ ސްކޮޑުން ޖާގަ ލިބެމުންދިޔަ، ކްލަބު އީގަލްސްގެ މިޑްފީލްޑަރު ބަކާއަށް ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި ސްކޮޑުން ޖާގަ ލިބިފައެއް ނުވެއެވެ. ބަކާއަކީ ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް 2008ގެ ތަށި ހޯދައިދިން ގައުމީ ސްކޮޑުގައި ވެސް ހިމެނުނު ކުޅުންތެރިއެކެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާރޭ ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިނުރުނުވުމުން މާދަމާރޭގެ މެޗުގެ ސްކޮޑުން މިހާތަނަށް ދިވެހި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ވަނީ ޓީމުން ވަކިކޮށްފައެވެ.