English Edition
Dhivehi Edition
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ފަރިތަކުރުންތަކުގައި. --ފޮޓޯ: އެފްއޭއެމް

ކޮވިޑް-19ގެ ސަބަބުން މެދުކަނޑާލި، 2022 ވަނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑްކަޕާއި 2023 ގައި ޗައިނާގައި އޮންނަ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިން މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް އަލުން ފެށުމަށްޓަކައި 32 ކުޅުންތެރިންގެ ސްކޮޑެއް އިއުލާންކޮށްފިއެވެ.

އެގޮތުން، ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ބޭއްވި ވީޑިއޯ ކޮންފަރެންސްގައި ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވީ އަންނަ މަހު ހަތަރު ވަނަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަން ނިންމާފައިވާ ކަމަށެވެ.

މީގެއިތުރުން، މިދިޔަ ހަފްތާގައި މީޑިއާގައި އާއްމުވި ގައުމީ ޓީމުގެ 25 ކުޅުންތެރިންގެ ސްކޮޑަކީ ރަސްމީ ލިސްޓެއް ނޫން ކަމަށާއި، އެ ލިސްޓަކީ ގައުމީ ޓީމުގެ ކުޅުންތެރިން ހިމެނޭ ވައިބާ ގްރޫޕަކުން އާއްމުވި ލިސްޓެއްކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ޖަވާ ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހާއްސަ ވައިބާ ގްރޫޕެއް ވެސް ނޯންނާނެ ކަމަށެވެ.

މީޑިއާގައި މިދިޔަ ހަފްތާގައި އާއްމުވި ލިސްޓުގައި ނުހިމެނޭ ކުޅުންތެރިންގެ ތެރޭގައި ފަހަކަށްއައިސް ގައުމީ ޖާޒީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ނާއިޒް ހަސަން (ދާދު)ގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބުގައި މޮޅު ކުޅުމެއް ދައްކާފައިވާ އިޝާން އިބްރާހިމް (ސައްޓު) ހިމެނެއެވެ. އެހެންނަމަވެސް، މި ފަހަރުގެ ލިސްޓުގައި މި ތިން ކުޅުންތެރިން ވެސް ވަނީ ހިމެނިފައެވެ.

ކުރިން އާއްމުވި ލިސްޓާއި ގުޅޭގޮތުން ޖަވާ ވިދާޅުވީ، އެއީ ކުޅުންތެރިންގެ ހާލު އޮޅުންފިލުވައި އެ އަށް ބަލައިގެން ކުޅުންތެރިންނަށް އެލަވަންސް ދޭން ތައްޔާރުކުރި ލިސްޓެއް ކަމަށާއި، އެއީ ޓީމުގެ ފައިނަލް ސްކޮޑެއް ނޫން ކަމަށެވެ. އަދި ކުޅުންތެރިންގެ ހާލަތަށް ބަލައި އެލަވަންސް ލިބޭ ކުޅުންތެރިން ކަނޑައެޅުމުގެ އިހްތިޔާރު ލިބިގެންވަނީ އެފްއޭއެމް އަށް ކަމަށް ވެސް ޖަވާ ފާހަގަކުރެއްވިއެވެ.

މިދިޔަ ނޮވެންބަރު މަހު ގުއާމްއާ ދެކޮޅަށް ނިކުތް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ 11 ގައި ހިމެނޭ ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިގެން. –ފޮޓޯ: އެފްއޭއެމް

އަންނަ މަހު ހަތަރެއްގައި ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް ފަށަން ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މިކަމާ ގުޅޭގޮތުން ގައުމީ ޓީމުގެ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން ބުނީ ދެ ގްރޫޕަށް ބަހާލައިގެން ކުރިއަށްގެންދަނީ ސިއްހީ ފަރާތްތަކުން ކޮވިޑް-19 އިން ރައްކާތެރިވެ ތިބެ ކުރިއަށްދާން ދީފައިވާ ލަފަޔާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ޖަވާ އިތުރަށް ވިދާޅުވީ އަލުން ގައުމީ ޓީމުގެ ޕްރެކްޓިސް ފަށާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާ ހުރިހާ ކަމެއް ފުރިހަމަކުރުމަށް ފަހު ކަމަށާއި ހުރިހާ ކުޅުންތެރިންނާއި ކޯޗުން ވެސް ތިބީ އެ ވިސްނުމުގައި ވީ އެންމެ ރަނގަޅަށް ކުރިއަށްދާން ކަމަށެވެ.

މެދުކެނޑުމަކަށްފަހު އަންނަ އޮކްޓޫބަރު މަހު 8 ވަނަ ދުވަހު ކޮލިފައިން މެޗުތައް ފެށުމަށް ހަމަޖެހިފައިވާއިރު، ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ރަށުން ބޭރުގައި ރާއްޖެ ނިކުންނާނީ ޗައިނާއާ ދެކޮޅަށެވެ. އޭގެ ފަސް ދުވަސް ފަހުން ސީރިއާއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ރާއްޖޭގައެވެ. މި ގްރޫޕުގެ ފަހު މެޗުގައި ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ރަށުން ބޭރުގައި ނިކުންނާނީ ފިލިޕީންސްއާ ދެކޮޅަށެވެ.

ކޮލިފައިންގައި މިހާތަނަށް ކުޅެވިދިޔަ މެޗުތަކަށްފަހު ތާވަލްގެ އެއްވަނައިގައި 15 ޕޮއިންޓާއެކު ސީރިއާ އުޅޭއިރު، ދެވަނަ މަގާމަށް ވާދަކުރާ ޗައިނާ އާއި ފިލިޕީންސަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ހަތަރުވަނައިގައި އުޅޭ ރާއްޖޭ އަށް ހަ ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑު:

މާޒިޔާ: ސަމޫހު އަލީ (ސަމުއްޓެ)، މުހައްމަދު އިރުފާން (އިރޭ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އިބްރާހިމް އައިސަމް، ހަމްޒާ މުހައްމަދު (ހަމްޕު)، ހުސެން ޝަރީފް (ހުސެން)، ހުސައިން ނިހާން (ނިހާޓް)، އާދަމް ނިޒާމް (ކިތުނާ)، ނާއިޒު ހަސަން (ދާދު)، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، މުޖުތާޒް މުހައްމަދު (މުޖޭ).

އީގަލްސް: އަހުމަދު ނޫމާން (ހެލްމެޓް)، އިމްރާން ނަޝީދު (އިންމަ)، އަހުމަދު ރިޒްވާން (ރިޒޭ)، ހުސެއިން ސިފާއު (ކުރޯ)، ހަސަން ރާއިފް އަހުމަދު (ހަންނަ)، އަލީ ފާސިރު (ސެންޓޭ)، ހަސަން ނަޒީމް (ޗޯޓު)، ރިހާމް އަބްދުލް ގަނީ (ބޮބީ).

ޓީސީ: އަލީ އަޝްފާގު (ދަގަނޑޭ)، އަކުރަމް އަބްދުލް ގަނީ (އަކޫ)، އަހުމަދު ރިލްވާން (ބެން)، އިސްމާއިލް އީސަ (މެސީ)، އަލީ ޝާމިސް (ތޮއްޕޭ)، އިޝާން އިބްރާހިމް (ސައްޓު).

ގްރީން ސްޓްރީޓްސް: މުހައްމަދު އާރިފް (ބަކާ)، އަބްދުﷲ ޔާމީން (ޔާން)، މުހައްމަދު އުމެއިރު، މުހައްމަދު ޝަފީއު (ޗެކް)، މުހައްމަދު ސާއިފް.

ދަ ގްރާންޑޭ: މުހައްމަދު ފައިސަލް، އަހުނަފު ރަޝީދު.