English Edition
Dhivehi Edition

ފުލުހުންގެ ފަލްސަފާ ބައްޓަން ކުރެވިގެން މިދަނީ ކުށަށް އަރައިގަތުމުން ހައްޔަރުކޮށް އަދަބު ދިނުމުގެ ނިޒާމު ދޫކޮށްލުމަށް ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވި ގދ. މަޑަވެލި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު، ވާހަކަ ދައްކަވަމުންނެވެ.

ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ އިމްރާން ވިދާޅުވީ މިއަދު ފުލުހުންގެ ފަލްސަފާ ބައްޓަން ކުރެވިގެން މިދަނީ ކުށަށް އަރައިގަތުމުގެ ކުރިން ކުށަކަށް މަގުފަހިވެދާނެ ކަންކަން ދެނެގަނެ އެކަންކަމުން މުޖުމަތަމުގެ އަފުރާދުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަލްސަފާގެ ތެރެއަށް ނުވަތަ އަވައްޓެރި ފުލުހުންގެ ފަލްސަފާގެ ތެރެއަށް ކަމަށެވެ.

މީގެ އިތުރުން މިއަދުގެ ހާލަތުގައި އަމަން އަމާންކަން ގާއިމްކޮށް ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަަވަރުކުރުމަށް އެހެން ގޮތްތަކަކުން މަސައްކަތްކޮށްގެން މެނުވީ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަމާއި އަމާންކަން ކަށަވަރު ވެގެން ނުދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވަކިން ޚާއްސަކޮށް ރާއްޖޭގެ ތަރައްގީއާއި އިގްތިސާދީ އުސްމިންތަކަަށް ދަތުރުކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ އެންމެ މުހިންމު ބަހާއަކީ އަމާންކަމާއި ރައްކާތެރިކަމާއި ސަލާމާތްތެރިކަން ކަަމަށް ސަރުކާރަށް އެނގޭކަމަށް ވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްކެވި ވާހަކައިގާ އަތޮޅު ތެރޭގައި ފުލުހުން މަސައްކަތްކުރާ ރަނގަޅު އޮނިގަނޑެއް އެކުލާލައި ރަށުގެ މުޖުތަމައުއާއި ކައުންސިލް އަދި އެހެނިހެން ރަށު ފެންވަރުގެ އިދާރާތަކާ އެކުއެކީގައި ކުށް މަދުކުރުމާއި ކުށުގެ ބިރުވެރިކަން ކުޑަކުރުމުގެ މަސައްކަތް ހަރުދަނާކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް އެ އޮނިގަނޑު މަގުފަހިކޮށްދޭނެކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ފުލުހުންނަށް ގާނޫނު އަސާސީންނާއި ގާނޫނުތަކުން މަތިކޮށްފައިވާ ޒިންމާއާއި ވާޖިބުތައް އެންމެ ރަނގަޅަށް އަދާކުރުމަށްޓަކައި ހެޔޮ ބަދަލުތަކެއް ފާއިތުވި ދެ އަހަރުގެ ތެރޭގައި ގެންނަން ފެށިފައިވާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މަޑަވެލި ޕޮލިސް ސްޓޭޝަން ގާއިމްކޮށްފައިވަނީ ފުލުހުންގެ ޚިދުމަތް ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި ގދ. އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ އާއި މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ހަސަން އާއި ކައުންސިލް މެމްބަރުންނާއި އެކްޓިންގ ސައުތު ރީޖަނަލް ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު އާތިފް އާއި ސައުތު ސަބް ރީޖަނަލް ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތު ނަހީދާ ތޯހިރު އާއި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގަތެވެ.