English Edition
Dhivehi Edition

73 ޓަނު މަސް ބާނައި ގދ. މަޑަވެލީ ޓީއެސްލައިން ދޯނިން ދޮށީގެ މަސްވެރިކަމުގެ ރިކޯޑު ގާއިމުކޮށްފިއެވެ.

މިއަދު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް ޓީއެސްލައިން ދޯނިން ވަނީ 73 ޓަނު މަސް ކިރުވައި، އެއްދުވަހުން އެންމެ ގިނަ މަސް ކިރުވި ދޯނީގެ ރެކޯޑު އިޔާދަ ކޮށްފައެވެ.

ދިވެހި ރާއްޖޭގައި، އެންމެ ފަހުން ދޮށީގެ މަސްވެރިކަމުގައި އެއް ދުވަހުން އެންމެ ގިނަ މަސް ބާނައިފައިވަނީ ގދ. ފަރެސްމާތޮޑާ “ބާޚިރާ” ދޯނިންނެވެ. އެއީ ކޫއްޑޫއަށް 58.6 ޓަނުގެ މަސް ކިރުވައިގެންނެވެ. އަދި އޭގެ ކުރިން 57 ޓަނު މަސް ކިރުވައި، އެ ރިކޯޑު ހަދައިފައިވަނީ ޓީއެސް ލައިން ދޯނިންނެވެ.

މިއަދު ޓީއެސް ލައިން ދޯނިން ކިރުވި 73 ޓަނު މަހަށް އެ ދޯންޏަށް ވަނީ އެއް މިލިއަން ދެލައްކަ ހަހާސް އަށްސަތޭކަ ތިރީސް ހަތް ރުފިޔާ ލިބިފައެވެ.

ޓީއެސް ލައިން ދޯނީގެ ކެޔޮޅު ފަރުހާން ޒާހިރު ވިދާޅުވެފައިވަނީ މިއަދު އެދޯނިން ކިރުވި 73 ޓަނަކީ މިއަދު ބޭނި 70 ޓަނާއި އެހެން ދުވަހެއްގައި ބާނައިފައިވާ 3 ޓަނު މަސް ކަަމަށެވެ. އެ ތިން ޓަނު ނުހިމަނައި މިއަދު ބޭނި މަސް އެކަނި ކިރުވި ކަމުގައިވީ ނަމަވެސް ޓީއެސް ލައިންއަށް ރެކޯޑު ގާއިމް ކުރެވޭނެއެވެ.

ޓީއެސްލައިން ދޯނިން ވަނީ 2021 ވަނަ އަހަރު ދޮށީގެ މަސްވެރިކަމުގައި އެންމެ ގިނައިން މަސް ކިރުވި އުޅަނދުގެ އެވޯޑު ހޯދާފައެވެ. އެއީ 2021 ވަނަ އަހަރު ޖުމްލަ 1095.805 ޓަނުގެ މަސް ކޫއްޑޫއަށް ކިރުވައިގެންނެވެ.

ޓީއެސް ލައިން ދޯނި ބަނދެ، މަސްވެރިކަމަށް ނެރެފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ދޯނި ބަނުމުގެ މައިގަނޑު މަގުސަދެއް ކަމުގައި އެ ދޯނިން ހާމަކޮށްފައި ވަނީ، މަސްވެރިކަމުގެ ދާއިރާޔަށް ޒުވާނުން ޝައުގުވެރި ކުރުވުމެވެ.

ޓީއެސް ލައިންއަކީ 2021 އަދި 2022 ވަނަ އަހަރުވެސް ދޮށީގެ މަސްވެރިކަމުގައި ފާހަގަ ކޮށްލެވުނު ދޯންޏެކެވެ.