English Edition
Dhivehi Edition

ގާތްގަޑަކަށް 3000 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ގދ. މަޑަވެލި، ހޯޑެއްދޫގެ ރައްޔިތުން މިހާތަނަށް ދެކެމުން އައި އެންމެބޮޑު އެއް ހުވަފެނަކީ އެ ދެރަށް ކޯޒުވޭއަކުން ނުވަތަ ބުރުޖަކުން ގުޅާލުމެވެ.

ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. އެއް ފަޅެއްގެ ތެރޭގައި އޮންނަ މި ދެ ރަށަކީ، އިޤްތިޞާދީ މުހިންމު މަސައްކަތްތައް ހިނގާ ރަށްތަކަކަށްވާތީ، މިފަދަ ގުޅާލުމަކުން ގުޅާލެވިއްޖެނަމަ، ދެރަށަށް ވެސް ތަރައްޣިގެ އިތުރު ހަރުފަތްތަކެއް ގިރާކުރެވޭނެތީ އެވެ. އަދި މި ދެރަށަކީ ވެސް މަސްވެރިކަމާއި ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރާ ދެރަށަށް ވާތީ، އެކަމުގެ ސަބަބުން އެ މަސައްކަތްކުރާ ފަރާތްތަކަށް ވެސް މަންފާ ކުރާނެތީ އެވެ.

މި ހުވަފެނުގައި ފަނޑުއައްޔަކުން އެންމެފުރަތަމަ ކުލަ ޖެހުނީ 2017 ވަނަ އަހަރު، ދެ ރަށް ގުޅާލުމަށް އޭރުގެ ސަރުކާރުން ކޯޒްވޭއެއް ތަރައްޤީކުރުމުން ނެވެ.

އެހެންނަމަވެސް ހުވަފެނަކީ ބިލާހެކޭ ބުނާ ބީދައިން އެ މަޝްރޫޢު އޭރު ކުރިއަށް ނުގެންދެވުނީ ތިމާވެއްޓަށް ބަލައިގެން ކުރިއަށްގެންދިޔަ މަޝްރޫޢުއަކަށް ނުވާތީ އެވެ.

އެހެންކަމުން ކިތަންމެ ހިތް ނޭދުނަސް މަޖުބޫރުވީ، އެ ކޯޒްވޭ ބުރިކޮށްލުމަށެވެ. އެއަށްފަހު މިދިޔަ 2022 ވަނަ އަހަރާއި ހަމައަށްވެސް އެ ދެރަށުގެ ރައްޔިތުން ތިބީ “އަވާމެންދުރެއް” ގަ އެވެ. އެއީ ކޯޒުވޭގެ ހުވަފެނީ އާލަމުން ނުކުމެވޭނެ ވަގުތެއް ނޭނގޭތީ އާއި ހުވަފެނުގައި ކުލަ ޖެހޭނެ ދުވަހެއް ނޭނގޭތީ އެވެ.

ކޮންމެ ކަމަކަށް ވެސް ނިމުމެއް ވާ އުސޫލުން އަދި ޢަޒުމާއި ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ، ކާމިޔާބުވާނޭ ބުނަނީ އޭގައި ހަމަގައިމުވެސް ހިކުމަތެއް ވާތީ އެވެ.

މަޑަވެލި، ހޯޑެއްދޫގެ ރައްޔިތުން ދެކެމުން އައި ހުވަފެނުގައި ކުލަ ޖައްސައި ދިނުމަށް ސަރުކާރުން ނިންމާ، އެ ދެރަށް ގުޅާލުމުގެ އައު ޕްލޭން އެކުލަވާލާ މަސައްކަތްތައް ފެށިއެވެ. އަދި ކުރިން އެޅި ކޯޒްވޭ އެއްކޮށް ނަގާ، ރަށްތައް ގުޅާލުމަށް ބްރިޖުތަކެއް ހެދުމަށް ސަރުކާރުން ނިންމި ނިންމުމަކީ ރައްޔިތުން އުފަލުން ރޮއްވާލި ކަމެކެވެ.

އެ ދެރަށާއި އެއްފަޅެއްގައި އޮންނަ ދެ ފަޅުރަށް ކަމަށްވާ ކަންނިގިލާ އާއި ހާދޫ ވެސްސް ގުޅާލައިގެން ބުރިޖު ހެދުމުގެ މަޝްރޫޢު ސަރުކާރުން ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

އެ ކުންފުންޏާ މަސައްކަތް ހަވާލުކުރުމާއެކު ސައިޓް މަސައްކަތްތައް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފަށާ، އެންމެ ފުރަތަމަ ކުރިއަށްގެންދިޔައީ މަޑަވެއްޔާއި ހޯނޑެއްދޫ އަދި، ދެ ފަޅުރަށުގެ ކޯޒްވޭއަށް ބޭނުންވާ މަގުތައް ސާފުކުރުމުގެ މަސައްކަތެވެ.

އެއަށްފަހު މި މަހުގެ 22 ވީ ބުދަ ދުވަހު ވަނީ ހޯނޑެއްދުއާއި ކަންނިގިއްލާ އާއި ދެމެދުގައި އަޅާ ބްރިޖުގެ ފައުންޑޭޝަންގެ މަސައްކަތް ފަށާފަ އެވެ. އަދި މި ބްރިޖުގެ ތަނބުތައް ޖެހުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާއިރު، މި ބްރިޖުތައް ތަރައްޤީކުރުމަށް ނިންމާފައިވަނީ ބަރު އުޅަނދުފަހަރަށް ވެސް ދުއްވޭ ގޮތަށް، އެ ފެންވަރަށެވެ.

މި މަޝްރޫޢުގެ ދަށުން 260 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ޙިމާޔަތްކޮށް، ބްރިޖުގެ 2544 ކިއުބިކް މީޓަރުގެ ސެގްމަންޓް ކޮންކްރީޓް މަސައްކަތް ކުރުމަށް ނިންމާފައިވާއިރު، 4596 އަކަ މީޓަރުގެ ސަރަޙައްދުގައި ތާރު އެޅުމަށް ވެސް ވަނީ ނިންމާފަ އެވެ. އަދި 1378 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވިންގ ހެދުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫޢު ގައި ރެއިލިންގ އާއި މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ކުރެހުން ހިމެނޭ ކަމަށެވެ.

މިއީ 84.17 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.