އައްޑޫ ސިޓީގައި ރެސިޑެންޝަލް ހައުސިންގް ޔުނިޓް އެޅުމަށް އައްޑޫސިޓީ ކައުންސިލް އާއި ތުރުކީގެ ވިޒްޔޮން ވިލާ ކުންފުންޏާއި އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
17 ބުރީގެ އިމާރާތް ހިމެނޭ ގޮތަށް ހަދާ މި ރެސިޑެންޝަލް ހައުސިން ޔުނިޓްގެ އެއްބަސްވުމުގެ ދަށުން އައްޑޫގައި ދުވަސްވެ ގެ ނޭޅިފައި ހުރި ފަޅުގޯތި ތަކުގައި ގެ ނޭޅި ހުރި މައްސަލައަަށް ލިބިގެންދާނެ ވަރަށް ބޮޑު ހައްލެއްކަމަށް މޭޔަރ ނިޒާރު ވިދާޅުވިއެވެ.
“މިވަގުތަށް މަޝްވަރާކުރެވިފައި ހުރީ 3 މޮޑެލެއްގެ ގެތަކެއް އެޅުމަށް. އެ މޮޑެލްތައް އެޅުމަށްފަހު ރައްޔިތުންނަށް އޭގެ ކޮލިޓީ ހުންނަގޮތް ފެނިގެންދާނެ. އޭގެ ފަހުގައި މިވަގުތު ރާއްޖޭގެ މާކެޓްގައި އެފަދަ ގެތައް ވިއްކާ ރޭޓްގައި އަދި ރައްޔިތުން ހިތްހަމަ ޖެހޭ ރަނގަޅު އަގުތަކެއްގައި ގެތައް ލިބިގެންދާނެ” މޭޔަރ ވިދާޅުވިއެވެ.
މޭޔަރ ނިޒާރު ވިދާޅުވީ ގެތައް ހުންނާނެ ގޮތުގެ މޮޑެލް ތަކާއި ބޭނުންކުރާނެ މެޓީރިއަލް އާއި މިފަދަ ހުރިހާ މައުލާމާތުތަކެއް މިހާރު ލިބިފައިވާ ކަމަށާއި ވަރަށް އަވަހަށް މި މަސައްކަތް ފެށި ރައްޔިތުންނަށް އޭގެ ފައިދާ ކުރަން ފަށާނެ ކަމަށެވެ.
މީގެ އިތުރުން ނިޒާރު ވިދާޅުވީ ތުރުކީ ކުންފުނީގެ މައިގަނޑު މަސައްކަތަކަށް ވާނީ އައްްޑޫގައި މީހުން ދިރިއުޅެން ދޫކޮށްފައިވާ އެކަމަކު ތަފާތު ސަބަބުތައް މެދުވެރިވެގެން އަދި ދިރިނޫޅޭ ގޯތިތަކުގައި އިމާރާތްތަކެއް އެޅުން ކަމަށެވެ. އެގޮތަށް ހުރި ގޯތިތަކުގެ ވެރިންނާ ތުރުކީ ކުންފުންޏާ އެކު ވެވޭ އެއްބަސްވުންތަކަށް ފަހު ގިނަ ވެގެން ތިން މަސް ތެރޭގައި އެ މަސައްކަތް ފަށާނެ ކަމަށްވެސް ވިދާޅުވި އެވެ.
މި މަސައްކަތް ކުރިއަށް ދާނީ ވިޒްޔޮން އާއި ކައުންސިލާއެކު ވެވޭ އެއްބަސްވުމުގެ ދަށުން އަދި ކައުންސިލާއި ގެ އެޅުމަށް އެއްބަސްވެވޭ ފަރާތާއެކުވެސް އެއްބަސްވުމެއް އޮވެގެން އޭގެ ދަށުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިޒްޔޮން ގެ ފަރާތުން ވިދާޅުވީ އައްޑޫއަކީ މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު ސަރަހައްދު ކަމަށްވުމާއި އަދި ލޯކަލް އައިލެންޑެއްގައި މިފަދަ މަސައްކަތެއް ފެށުމަށް ބަލާއިރު އައްޑޫއަކީ އެންމެ ރަނގަޅު ތަން ކަމަށެވެ.
މި މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނުގެ ފުރަތަމަ ޝިޕްމަންޓް އަންނަ ފެބުރުއަރީ މަހުގެ ކުރީކޮޅު އައްޑޫއަށް ގެނެވޭނެ ކަމަށާއި ގެތައް އެޅުމަށް ނިންމާފައިވަނީ ރާއްޖޭގެ މާހައުލާއި ގުޅޭ ގިނަ ދުވަހަށް ބޭނުންވެވޭ ރަނގަޅުފެންވަރުގެ މެޓީރިއަލުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ތައްޔާރު ކުރެވޭ މި ގެތަކަކީ 50 އަހަރަށް ވުރެ ދިގު މުއްދަތަށް މައްސަލައެއް ދިމާނުވެ ބޭނުންކުރެވޭނެ ފެންވަރު ގައި ހަދާ ތަންތަން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވެވިއެވެ.
އައްޑޫ ސިޓީގައި ރެސިޑެންޝަލް ހައުސިންގް ޔުނިޓް އެޅުމަށް ވެވުނު އެއްބަސްވުމުގެ އިތުރުން އައްޑޫ ސިޓީ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި 1000 އާއި 2000 އާއި ދެމެދުގެ ސޯޝަލް ހައުސިންގ ޔުނިޓް އެޅުމަށް އައްޑޫސިޓީ ކައުންސިލާއި ޗައިނާގެ ބީ.ޔޫ.ސީ.އެން.ޖީ ކުންފުންޏާ ދެމެދު ފްރޭމްވޯކް އެގްރީމަންޓްގައި ވެސް އިއްޔެވަނީ ސޮއި ކޮށްފައެވެ.