ކަލްޗަރ އޮފް ރެޒިލިއެންސް ، ހޭންޑް އިން ހޭންޑް ފޯރ އަ ބިއުޓިފުލް ގެ ނަމުގައި އައްޑޫސިޓީގައި ކުރިއަށް ގެންދިޔަ މަޢުލޫމާތު ސެޝަންތައް ނިންމާލައިފިއެވެ.
” އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީ އިން އައްޑޫސިޓީގައި މި ޕްރޮގްރާމްތައް ހިންގާފައިވަނީ އައްޑޫސިޓީ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެންނެވެ. 350 އަށް ވުރެ ގިނަ މީހުން ބައިވެރިވި މި ސެޝަންތައް ކުރިއަށްދިޔައީ މާޗް 1ން 6ގެ ނިޔަލަށެވެ. މިޕްރޮގްރާމް އަމާޒުކޮށްފައިވަނީ އައްޑޫސިޓީ ކައުންސިލްގެ މުވައްޒަފުންނަށާއި ހިތަދޫއަދި ގަމުގައި ޙަރަކާތްތެރިވާ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސްޓާފުންނާއި އައްޑޫސިޓީގެ ފުރާޢުމުރުގެ ޒުވާނުންގެ އިތުރުން ސްކޫލްތަކުގެ ބެލެނިވެރިންނަށެވެ.
ކަލްޗަރ އޮފް ރެޒިލިއެންސް ، ހޭންޑް އިން ހޭންޑް ފޯރ އަ ބިއުޓިފުލް ގެ ނަމުގައި އައްޑޫގައި ކުރިއަށްދިޔަ މިސެޝަންތަކުގައި އިފެކްޓިވް ކޮމިއުނިކޭޝަން އަދި ކަސްޓަމާ ކެއަރ އަށް އަހުލުވެރި ކުރުމުގެ ސެޝަނެއް އައްޑޫސިޓީ ކައުންސިލް މުވައްޒަފުންނަށް ވަނީ ހިންގާފައެވެ. މި ސެޝަންގައި މަޢުލޫމާތު ދެއްވީ ރައްޔިތުންގެ މަޖްލީހުގެ ޑިރެކްޓަރ އޮފް މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޙަސަން ޒިޔާއުއެވެ.
މި ޕްރޮގްރާމްގެ ތެރޭ އައްޑޫގައި ޙަރަކާތްތެރިވާ މޯލްޑިވްސް ޕޮލިސް ސާވިސް ގެ ސްޓާފުންނަށްވެސް މަޢުލޫމާތުދީފައިވެއެވެ. ޤައުމަށް ޚިދުމަތް ކުރުމުގައި ވިސްނަންވީ ކަންތައްތަކުގެ މައްޗަށް އެބޭފުޅުނަނށް މަޢުލޫމާތު ދެއްވީ ޑރ ޢަލީ އިޙްސާންއެވެ.
މިޕްރޮގްރާމްގެ ތެރޭ އައްޑޫސިޓީގެ ސްކޫލްތަކުގެ ބެލެނިވެރިންނަށް ސްމާޓް ޕޭރެންޓިން އާއި ބެހޭ ގޮތުން މައިންޑްފުލްނެސްގެ ކޯޗް ރާޑޯ މުޙައްމަދު ރާޝިދުވަނީ ޚާއްސަ ސެޝަނެއް ނަންގަވައި ދެއްވާފައެވެ. އޭގެ އިތުރުން ހަރުދަނާ ޖީލެއް ބިނާ ކުރުމުގައި ޒުވާނުން ބާރު ވެރި ކުރުމާ ގުޅޭގޮތުން “ކައިންޑް” ގެ ސީއީއޯ ޢައިޝަތު ޙަސަންއާއި ޔޫތް ލީޑަރ އަރްޝަދު އަޝްރަފް ވަނީ މަޢުލޫމާތު ދެއްވާފައެވެ.
ވަރަށް ބޮޑު ތަރުޙީބެއް ލިބިގެންދިޔަ މި ޕްރޮގްރާމްގައި ކާމިޔާބު މީހަކަށް ވުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ބައިވެރިންނަށް ވަނީ އެގްޒެކެޓިވް ލައިފް ކޯޗް ހައްވާ ޝަހީނާ މުޙައްމަދު މަޢުލޫމާތު ދެއްވާފައެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ސެޝަންގައި ކީނޯޓް ސްޕީކަރ އެއްގެ ގޮތުން ވާހަކަ ދެއްކެވީ މާޕްގެ ޕްރެޒިޑެންޓް ޙުސެއިން ޢަފީފްއެވެ. ޕްރޮގްރާމްގެ ތެރޭ އިތުރު ސެޝަންތައް ނަންގަވައިދެއްވި ބޭފުޅުންގެ ތެރޭގައި އީއެމްސީގެ ކޯފައުންޑިން ޕްރެޒިޑެންޓުން ކަމަށްވާ އައިމިނަތު ރީމާ ރަޝީދާއި ސަމާ އިބްރާހިމްދީދީހިމެނި ވަޑައިގެންނެވިއެވެ.