English Edition
Dhivehi Edition

ކޮވިޑަށް ޕޮޒިޓިވް ވާ ފަރާތްތައް ކަރަންޓީނު ކުރާ މުއްދަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރުކޮށްފިއެވެ.

އެޗްޕީއޭ އިން މިއަދު ޢާންމުކުރި އިޢުލާނެއްގައި ބުނެފައިވަނީ އެ މުއްދަތު ހަތް ދުވަހަށް ކުރުކޮށްފައިވާ ކަމަށެވެ.

ބަލީގެ އެއްވެސް އަލާމާތެއް ނެތްނަމަ، ކަރަންޓީނުކުރާނީ އެމީހަކު ކޮވިޑަށް ޕޮޒިޓިވް ސާމްޕަލް ނަގާ ތާރީޚުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ކަމަށާއި ހަތް ދުވަސް ހަމަވާއިރު ބަލީގެ އަލާމާތެއް ނެތްނަމަ ކަރަންޓީނު ނިމޭނެ ކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް ބަލީގެ އަލާމާތެއް ހުރި ނަމަ ކަރަންޓީނު ނިމޭނީ އެއްވެސް އަލާމާތެއް ނެތި 24 ގަޑިއިރުވުމުން ކަމަށް ވެސް އެޗްޕީއޭގެ އިޢުލާނުގައި ވަނި ބުނެފައެވެ.

މީގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓުން ކަަރަންޓީންކުރާ މުއްދަތު ވެސް ކުރުކޮށްފައިވާ އިރު، ޑައިރެކްޓް ކޮންޓެކްޓްވާ ފަރާތަކީ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތެއްނަމަ ކަރަންޓީން ކުރެވޭނީ 10 ދުވަހަށް ކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް ފަސް ދުވަސްވުމުން ނެގަޓިވް ޕީސީއާރަކާއެކު ކަރަންޓީނު ވީއްލޭނެކަމަށް ބުނެފައިވާ އިރު، ވެކްސިން ޑޯޒްތައް ފުރިހަމަނުކުރާ ފަރާތްްތައް ކުރިއެކޭވެސް އެއްގޮތަށް 14 ދުވަހަށް ކަރަންޓީން ވާންޖެހޭ ގޮތަށް ވަނީ ނިންމާފައެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ކޮވިޑު ޕޮޒިޓިވް ކޭސްތައް ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާ އިރު، ފާއިތުވެދިޔަ ފަސް ވަރަކަށް ދުވަހުގެ ނަތީޖާ އުޅެނީ އިންތިހާ މަތީގައެވެ.

އެހެންކަމުން މާލެ ސަރަހައްދުގައި އަޅާފައިވާ ރައްކާތެރިުކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، މާލެއިން އަތޮޅުތެރެއަށް ދަތުރުކުރާ ނަމަ، ޕީސީއާރް ޓެސްޓު ހެދުމަށް ކުއްލިއަކަށް ވަނީ އަންގާފައެވެ. އެކަމުގެ ސަބަބުން އެތައްބަޔަކު ކިޔޫގައި ޖެހި ޢާންމު ރައްޔިތުންނަށް ބޮޑު ތަކުލީފަކަށްވިއެވެ.

މި ދުވަސަވަރަކީ ސްކޫލުތައް ވެސް ބަންދު ދުވަސްވަރަކަށް ވާތީ، އަތޮޅުތަކުން ގިނަ ބަޔަކު ވަނީ މާލެއަށް އެކި ބޭނުންތަކުގައި އައިސްފައެވެ. މިފަދަ ވަގުތެއްގައި އެޗްޕީއޭގެ ކުއްލި އެ ނިންމުމުގެ ސަބަބުން ޢާންމުގެ ފާޑުކިޔުން އަމާޒުވުމުން، އަތޮޅުތަކަށް ދަތުރުކުރުމުގައި ދެ ދުވަހަށް ޚާއްސަ ލުއި ތަކެއް ވަނީ ދީފައެވެ.