ޕީއެސްއައިޕީގެ ދަށުން 2022 ވަނަ އަހަރު ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން އައްޑޫސިޓީ ހިތަދޫ އަވަށުގައި 200 ފްލެޓް އަދި ފޭދޫ އަވަށުގައި 75 ފްލެޓް އިމާރާތް ކުރުމާމެދު ކައުންސިލުން ތާއީދުކޮށްފިއެވެ.
މި މައްސަލައާއި މެދު ގޮތެއް ނިންމުމަށް ކައުންސިލްގެ 4 ވަނަ ދައުރުގެ 33 ވަނަ ޖަލްސާގައި ކުރެވުނު މަޝްވަރާގައި ހުރިހާ ކައުންސިލަރުން ވަނީ މިކަމަށް ތާއީދުކޮށް ފައެވެ. އެހެން ނަމަވެސް އައްޑޫގެ ހުރިހާ އަވަށްތަކަށް ހަމަހަމަ ކަމާއެކު މި ޕްރޮޖެކްޓްގެ ތެރެއިން ފްލެޓް ލިބޭނެ ގޮތް ހަމަޖެހިފައިނުވާތީ އެކަން ހުރިހާ ކައުންސިލަރުންވެސް ފާހަގަ ކުރެއްވެވިއެވެ.
މި ކަމާއި ގުޅިގެން ކުރި ބަހުސްގައި ވާހަކަދައްކަވަމުން ކައުންސިލަރު ޒަރީރު ވިދާޅުވީ މަޝްރޫއުގައި ކުރިން އޮތީ 100 ފްލެޓް އަޅައިދިނުމަށް ނަމަވެސް އެންމެ ފަހުން ކައުންސިލުން މާލެއަށް ކުރި ދަތުރުގައި ރައީސް ސާލިޙް އާއެކު ކުރެވުނު މަޝްވަރާތަކާއެކު ފްލެޓްތަކުގެ އަދަދު 275 އަކަށް ވަނީ ބަދަލުވެފައި ކަމަށެވެ.
އެހެންނަމަވެސް މިއަދަދަކީ އައްޑޫސިޓިގެ ބޯހިޔާވަހިކަމަށް މާބޮޑު ހައްލެއް ހޯދޭނެ ކަމެއް ނޫންނަމަވެސް މި އަދަދުގައި މަރަދޫ އަދި މަރަދޫފޭދޫ ގެ ނަން ހިމެނިފައި ނުވާތީ ކައުންސިލަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަދި އައްޑޫގައި ފްލެޓް އަޅަން ތަން ނިންމާއިރު އައްޑޫސިޓީ ކައުންސިލާ މަޝްވަރާކުރެވި ފްލެޓް އެޅުމަށް އެންމެ މުހިއްމު ސަރަހައްދު ކަނޑައެޅުން މުހިއްމު ކަމަށާއި މިނިސްޓްރީން އެފަދަ ކަންތައްތައް އަމިއްލައަށް ނިންމުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށްވެސް ކައުންސިލަރުން ވަނީ ފާހަގަކޮށްފައެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރ އަލީ ނިޒާރު ވިދާޅުވީ އައްޑޫގެ ލޭންޑް ޔޫސް ޕްލޭންގެ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށެވެ.
” ލޭންޑް ސާރވޭ އޮތޯރިޓީ އަށް ފޮނުވާ އެއްޗެއްސަކީ ޖަވާބު ލިބޭ އެއްޗެއް ނޫން . އަދި ޖަވާބެއް ލިބޭއިރު ހުންނާނީ ކައުންސިލުން އެދޭގޮތް ނޫން އެހެން ގޮތަކަށްނިންމާފައި. އެންމެ ފަހުން ނިމިގެން އައި ދެ ޕްލޭން ވެސް ނިންމާފައި އޮތީ އައްޑޫ ނުވެސް ދެކޭ ބަޔަކު ނިންމާފައިވާ ގޮތަކަށް” މޭޔަރ ވިދާޅުވިއެވެ.
މި މައްސަލައަށް ބަހުސްކުރައްވަމުން ޑެޕިޔުޓީ މޭޔަރ ވިދާޅުވީ އައްޑޫގައި އޮތް ބޯހިޔާވަހިކަމުގެ ޑިމާންޑަށް ބަލާއިރު މިއީ ސަތޭކަ އަކުން 1 ޕަސެންޓް ކަމަށާއި ސަތޭކަ މީހުން ތިބި ތަނަކަށް އެއްމެ ގެއެއް ލިބުމުން އެ ގެ ބަހާނެ ގޮތަކާއި މެދު ގޮތެއް ނިންމުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.
ކައުންސިލަރު ފައިސަލް ވިދާޅުވީ ފްލެޓްތަކަށް ޑިމާންޑް އޮތީ ގުޅިފައިވާ ރަށް ތަކުގައި ކަމަށާއި އެޑިމާންޑަށް ކޭޓާރ ވެވޭ ގޮތަށް މަދުވެގެން 1500 ޔުނިޓް ބޭނުންވާ ކަމަށެވެ. އަދި އެއްވެސް ރަށެއް އުނިނުކޮށް ޕީއެސްއައިޕީގެ ޕްރޮޖެކްޓްގެ ތެރެއިން ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަކީ އެދޭ އެދުމެއް ކަމަށް ކަމަށް ފައިސަލް ވިދާޅުވިއެވެ.
ޕީއެސްއައިޕީގެ ދަށުން ހިތަދޫ އޮޑައްސައު ސަރަހައްދުން 51000 އަކަފޫޓުގެ ބިން އަދި ފޭދޫ ހިއްކިބިން ސަރަހައްދުން 25000 އަކަފޫޓުގެ ބިން ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.