ފުވައްމުލައް ސިޓީގައި އަލަށް ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރަން ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ ފުވައްމުލައް ސިޓީގައި ދަނޑުވެރިކަން އިތުރަށް ފުޅާ ކުރުމުގެ ގޮތުން، މިހާރު އެ ސިޓީގައި ދަނޑުވެރިކަން ކުރަމުންގެންދާ ފަރާތްތަކުގެ އިތުރުން އަލަށް ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ފަހި ކޮށް ދިނުމަށް ނިންމާފައިވާކަމަށެވެ.
މި ގޮތުން ވޭރެގަމި ސަރަހއްދުން ދަނޑުވެރިކަމަށް ބިން ދޫކުރުމަށް ނިންމާ ކައުންސިލުން ވަނީ ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 22 ޖެނުއަރީ ވާ އަންގާރަ ދުވަހުގެ މެނދުރު 12:00 ގެ ކުރިން އެކަމަށް އެދޭ ގޫގުލް ފޯމް ފުރިހަމަކުރުމަށް އެދިފައެވެ.
ފުވައްމުލަކަކީ ނިސްބަތުން ވިޔަފާރީގެ ބޭނުމަށް ދަނޑުވެރިކަން ކުރަމުން އަންނަ މީހުން ރަށުގެ އާބާދީއާއި ބަލާއިރު މަދު ރަށެކެވެ. ދަނޑުވެރިކަން ކުރަން ބޭނުން ކަމުގައިވިޔަސް ރަށުގައި ބިމުގެ ދަތިކަން އޮތުމުގެ ސަބަބުން ގިނަ ފަރާތްތަކަކަށް ވަނީ ދަނޑުވެރިކަން ކުރުމަށް ހުރަސްތަކާއި ދިމާވެފައެވެ.