English Edition
Dhivehi Edition
ކުރިފް ތަކަފުލް އާއި ގުޅޭ ގޮތުން އެގްރިކަލްޗާ މިނިސްޓްރީން އެލައިޑާއި އެކު ބޭއްވި ބައްދަލުވުން ފޮޓޯ: އެގްރިކަލްޗާ މިނިސްޓްރީ

ގުދުރަތީ ކާރިސާތަކުގެ ސަބަބުން ދަނޑުވެރިންނަށް ލިބޭ ގެއްލުންތަކަށް ބަދަލު ހޯދައިދިނުމަށްޓަކައި އެލައިޑް އިންޝުއަރެންސްގެ ފަރާތުން “ކުރޮޕް ތަކަފުލް” ނަމުގައި އައު ސްކީމެއް ތައާރަފްކޮށްފިއެވެ.

މި ސްކީމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއްގައި މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ މިނިސްޓަރު ޑރ. އާއިޝަތު ރަމީލާ އާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި “ކުރޮޕް ތަކަފުލް” ސްކީމުގެ ތަފްސީލުތަކާއި، ދަނޑުވެރިން މި ސްކީމަށް އަހުލުވެރިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާއިރު މިނިސްޓަރު ރަމީލާ ވިދާޅުވީ މި ސްކީމަކީ ދަނޑުވެރިންގެ ދިރިއުޅުމަށް ކުރިމަތިވާ ނުރައްކާތަކުން ރައްކާތެރިކަން ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ވެގެންދާނެކަމަށެވެ. އިތުރަށް ރަމީލާ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިންނަށް މި ސްކީމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދާނެކަމަށެވެ. އަދި މި ސްކީމުގެ ފައިދާ ވީހާވެސް ގިނަ ދަނޑުވެރިންނަށް ލިބޭނެ ގޮތް ހަދައިދިނުމަށް މަސައްކަތްކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

“ކުރޮޕް ތަކަފުލް” ސްކީމުގެ ދަށުން، ވިއްސާރަ، ފެންބޮޑުވުން، ވައިގަދަވުން ފަދަ ގުދުރަތީ ކާރިސާތަކުގެ ސަބަބުން ދަނޑުވެރިންގެ ބިންތަކަށާއި އޭގެ އުފެއްދުންތަކަށް ލިބޭ ގެއްލުންތަކަށް ބަދަލު ލިބިގެން ދާނެއެވެ. މީގެ އިތުރުން، މި ސްކީމުގެ ސަބަބުން ދަނޑުވެރިކަމުގެ ދާއިރާއަށް އިތުރު އިންވެސްޓްމަންޓްތައް ގެނައުމަށް މަގުފަހިވެގެންދާނެކަމަށެވެ.