English Edition
Dhivehi Edition
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މާލޭ ކެމްޕަސް - ފޮޓޯ: އެމްއެންޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި އިސްކަމާއި ކުރެއްވި މަސައްކަތްތަކަށް އެ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔޫނިއަނުން ޝުކުރު އަދާކޮށްފިއެވެ.

ދަރިވަރުން ކިޔަވައިދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލުން ޖާގަ ނުދީފާނެކަމުގެ ކަންބޮޑުވުން އުފެދިގެން ސްޓޫޑަންޓް ޔޫނިއަނުން ވަނީ މިދިޔަ މަހު ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއަކުން މިކަން ހުށަހަޅާފައެވެ. އަދި މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން މިނިސްޓަރ އަދި ކަމާ ގުޅުންހުރި އިދާރާތަކުގެ މަސްއޫލުވެރިންނާއި، ދަރިވަރުންގެ މަންދޫބުންނާ ބައްދަލުކޮށް މަޝްވަރާތަކެއް ކުރައްވާފައިވެއެވެ.

މި މަޝްވަރާތަކުގެ އަލީގައި، ދަރިވަރުންނަށް ކިޔެވުމަށް އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ގޮތަށް ކަންތައްތައް ހަމަޖައްސަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. މިކަމާ ގުޅޭގޮތުން، އެމްއެންޔޫގެ ސްޓޫޑެންޓް ޔޫނިއަންގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުމަށް ޝުކުރު އަދާކޮށް، މިއީ ވަރަށް ގިނަ ޒަމާންތަކެއް ވަންދެން ދަރިވަރުންނަށް އޮތް ކަންބޮޑުވުމަކަށް ރައީސް ހޯއްދަވައިދެއްވި ހައްލެއްކަމުގައި ވަނީ ފާހަގަކޮށްފައެވެ.

ދަރިވަރުންނަށް އެއްވެސް ހުރަހެއް ނެތި، ފަސޭހަކަމާއެކު ކިޔެވޭނެ މަގު ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންދާ މަސައްކަތްތަކަށް ތައުރީފުކޮށް، ތަޢުލީމީ ދާއިރާއަށް ސަރުކާރުން ދެއްވަމުންދާ އިސްކަމަށް ޝުކުރު އަދާކޮށްފައިވެއެވެ. މިގޮތުން، ސްކޫލް އޮފް މެޑިސިނަށް ޒަމާނީ ވަސީލަތްތަކާއެކު، ދިރާސާކުރެވޭނެ ޚާއްސަ ތަޢުލީމީ ބިނާއެއް އެޅުމުގެ މަސައްކަތް ވެސް ވަނީ ފެށިފައެވެ.

އަދި ހަމައެއާއެކު، ދަރުމަވަންތަ ހޮސްޕިޓަލާއި، އައިޖީއެމްއެޗުގައި ބަލިމީހުންނަށް އިތުރު އެނދު ހަމަޖެއްސުމާއި، އައު ޞިއްޙީ ޚިދުމަތްތައް ތަޢާރަފުކުރުމަށް މަސައްކަތް ކުރައްވަމުންދާކަން ވެސް ވަނީ ފާހަގަކޮށްފައެވެ. ހުރިހާ ކަމެއް ވެސް ކުރައްވަމުން ގެންދަވަނީ ސަރުކާރަށް ލިބިފައިވާ ވަސީލަތްތަކާއި ޖާގައިގެ ތެރެއިން އެންމެ އެކަށޭނަ ގޮތަކަށް ހަމަޖައްސަވައިގެންކަން ރައީސް އޮފީހުން އާންމުކޮށްފައިވާ މަޢުލޫމާތުގައި ވަނީ ފާހަގަކޮށްފައެވެ.