English Edition
Dhivehi Edition
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު

ދިވެހި ޓީޗަރުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް އަހުލުވެރި ކުރުވުމަށް މިއަހަރުގެ ތެރޭގައި ސަރުކާރުން ނިންމައިފިއެވެ.

މިއަދު ފެށުނު ދިރާސީ އަހަރުގައި މިކަމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢިސްމާޢީލް ޝަފީޢު ވަނީ މިއަދު ދެއްވި ހުތާބުގައި ވިދާޅުވެފައެވެ.

މިނިސްޓަރު މިއަދު ވިދާޅުވި ގޮތުގައި ޓެކްނޮލޮޖީއަކީ މިހާރު ދުނިޔޭގެ ކުރިއެރުމުގެ އަސާސް ކަމަށްވާތީ، ރާއްޖޭގެ މުސްތަގުބަލުގެ ޖީލު ވެސް ބައްޓަން ކުރަންވާނީ ޓެކްނޮލޮޖީއަށް އަހުލުވެތެރި، އަދި އިސްލާމީ މަތިވެރި އަގުތައް ހިފަހައްޓާ ބައެއްގެ ގޮތުގަ އެވެ. އެކަން ކާމިޔާބު ކުރެވޭނީ ޒަމާނީ ޓެކްނޮލޮޖީތަކަށް އަހުލުވެރިވެފައިވާ ގާބިލު ޓީޗަރުން ތިބެގެން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އޭގެ ތެރެއިން މިވަގުތު ތައުލީމީ ދާއިރާއަށް އެންމެ މުހިންމު ވަނީ އޭއައި ފަދަ ޒަމާނީ ޓެކްނޮލޮޖީތަކަށް ކަމަށް މިނިސްޓަރ ޝަފީޢު ފާހަގަކުރެއްވި އެވެ. އެގޮތުން އޭއައި ބޭނުންކޮށްގެން އުނގެނުމާއި އުނގަންނައިދިނުން ހަރުދަނާކުރުމާއި، މުދައްރިސުން އެކަމަށް އަހުލުވެރިކުރުވުމަށް މި އަހަރު ތެރޭގައި ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހަމައެހެންމެ އުނގަންނައިދިނުމުގައި ބޭނުންކުރާ އެހީތެރި ވަސީލަތްތައް ބޭނުންކުރުމަށް ވެސް ޓީޗަރުން އަހުލުވެރި ކުރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ހުރިހާ ޓީޗަރުންނަކީ ވެސް ދިވެހިން ކަމުގައި ހެދުމަށް ޓަކައި ގައުމީ ފެންވަރުގައި މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ވެސް މި އަހަރު ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރ ޝަފީޢުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި މިވަގުތު ތަޢުލީމީ ނިޒާމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފެންވަރު ރަނގަޅު ޓީޗަރުން މަދުވުމެވެ. ފެންވަރު ރަނގަޅު، އިސްލާމީ އަގުތަކާއި ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރި މުދައްރިސުން ތިބެގެން މެނުވީ އަންނަ ޖީލުތަކަށް ފެންވަރު ރަނގަޅު ތަޢުލީމާއި ތަރުބިއްޔަތު ދިނުމަކީ ދަތިކަމެކެވެ.

އެހެންކަމުން ފެންވަރު ރަނގަޅު އުފެއްދުންތެރި ވިސްނުމުގެ މުދައްރިސުން ބިނާކުރުމަށް ޚާއްޞަ އިސްކަމެއް ސަރުކާރުން މިހާރު ދެމުން އަންނަ ކަމަށާއި، އޭގެ ތެރޭގައި ޓީޗަރުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއި އިނާޔަތްތައް އިތުރުކުރުން ހިމެނޭ ކަމަށް މިނިސްޓަރު ޝަފީޢު ވިދާޅުވި އެވެ.