ގދ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ފޭސް ވޮލީބޯލް މުބާރާތުގެ ޗެމްޕިއަންކަން ފިޔޯރީ ބަލިކޮށް ފަރެސްމާތޮޑާއިން ހޯދައިފިއެވެ.
އެއަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގެ ފައިނަލު މެޗު ކުޅުނީ ފިޔޯރީ ގައެވެ. ދެޓީމުގެ ފަރާތުން ވެސް ވަރުގަދަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ސެޓާއި ދެވަނަ ސެޓް ގެންދިޔައީ ފަރެސްމާތޮޑާއިންނެވެ. އެއީ ފުރަތަމަ ސެޓް 19-25 އިން އަދި ދެވަނަ ސެޓް 26-28 އިންނެވެ. ތިންވަނަ ސެޓުގައި ފިޔޯރީއަށް މާއެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، ފަރެސްމާތޮޑާއިން މި ސެޓު ކާމިޔާބު ކުރީ ވަރަށް ފަސޭހަކަމާއެކު 17-25 އިންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ފަރެސްމާތޮޑާ ޓީމުގެ އާދަމް ނަސީމް ހޮވުނުއިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފިޔޯރީއަށް ކުޅުނު ރާއްޖޭ ގައުމީ ޓީމުގައި ވެސް މުހިއްމު ދައުރެއް އަދާކުރާ އަލީ ހުޒާމްއެވެ.
ގދ. އަތޮޅަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފިޔޯރީ ޓީމުގެ މުހައްމަދު ފަސީހްއެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމަށް ފިޔޯރީ ޓީމުގެ ޖަޒްލާން ޖަމީލު ހޮވުނުއިރު، އެންމެ މޮޅު ކޯޗުގެ މަގާމު ހޯދީ ފަރެސްމާތޮޑާ ޓީމުގެ ކޯޗް އަހްމަދު ސައީދެވެ.
މިމުބާރާތުގެ އަންހެން ޑިވިޜަނުގެ ޗެމްޕިއަންކަން ހޯދީ ފަރެސްމާތޮޑާ ބަލިކޮށް ފިޔޯރީއެވެ.
ޗެމްޕިއަން ޓީމަށް މެޑެއްޔާއި ޓްރޮފީ ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހްމާން، ރާއްޖޭގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފެވެ.