English Edition
Dhivehi Edition
ފަރެސްމާތޮޑާ ކައުންސިލާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން:-

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަރެސް މާތޮޑާއަށް ކުރެއްވި ދަތުރުފުޅުގައި ފެންވަރު ރަނގަޅު ހުކުރު މިސްކިތެއް އަޅައިދިނުމަށް, ފަރެސްމާތޮޑާ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އަރިހުގައި އެދިއްޖެއެވެ.

ރައީސް މުޢިއްޒު މިއަދު ވަނީ ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ފަރެސްމާތޮޑާ ކައުންސިލުގެ އިދާރާގައެވެ.

މީގެ އިތުރުން އެ ކައުންސިލުން ވަނީ, ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، ބިންހިއްކުމަށްފަހު އެތަނުގައި ހައުސިން ޔުނިޓުތައް ހެދުމުގެ މުހިންމުކަމާއި، ފުޓުބޯޅަ ދަނޑުގެ މަސައްކަތް ހުއްޓިފައި އޮތުމުގެ ކަންބޮޑުވުމާއި، އަދި ރަނގަޅު ފެންވަރަށް މަގުތައް ހަދަން ބޭނުންވާކަމަށާއި، ޖާގަ ބޮޑު ހުކުރު މިސްކިތެއްގެ މުހިންމުކަމާއި، ކުނި މެނޭޖުކުރުމުގައި ދިމާވާ ދަތިތަކާއި، އަދި މިނޫންވެސް ރަށުގެ އިޤުތިޞާދީ އިޖުތިމާޢީ ތަރައްޤީއަށް މުހިންމުކަންކަން ފާހަގަކޮށްފައެވެ.

ފަރެސްމާތޮޑާ ކައުންސިލުން ފާހަގަކުރި ކަންކަން ހާއްސަ ސަމާލުކަމެއް ދެއްވައިގެން ހައްލުކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމިޓީން ވަނީ އެރަށަކީ ދާއިމީ ބަލިތަކަށް ބޭސްކުރާ ގިނަ ބަޔަކު ދިރިއުޅޭ ރަށެއްކަން ފާހަގަކޮށް، އެރަށަށް ސްޕެޝަލިސްޓް ޑޮކްޓަރެއްގެ މުހިންމުކަމާއި ގިނަ ޓެސްޓުތަކެއް ހެދޭގޮތަށް ހަމަޖެހިގެންދިއުމުގެ މުހިންމުކަން ފާހަގަކުރިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ވަރަށް ގާތުން ބައްލަވައި، ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން އެކަންކަން ހައްލުކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި، ދައްކަވާފައިވާ ވާހަކަފުޅުތަކުގެ ފޮތް ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލަށް ހަދިޔާކުރައްވާފައެވެ.