ގދ. ފަރެސްމާތޮޑާ އެއަރޕޯޓު ސަރަހައްދުން ގެސްޓުހައުސް ހެދުމަށް ބިން ދޫކުރަން ނިންމައިފި އެވެ.
ރީނަޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނީ ފަރެސްމާތޮޑާ އެއަރޕޯޓް ސަރަހައްދުގައި ގެސްޓް ހައުސް ހަދަން ބިން ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ކަމަށާއި އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން ގެސްޓްހައުސް ހެދުމަށް އެ ސަރަޙައްދުން 18 ބިމެއް ދޫކުރުމަށް ނިންމާފައިވާކަމަށް ވަނީ ބުނެފައެވެ.
އެ ސަރަހައްދުގައި ގެސްޓް ހައުސް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އޭޕްރިލް މަހުގެ 26 ވަނަ ދުވަހުގެ މެންދުރު ފަހު 2 ޖެހުމުގެ ކުރިން އެ ކުންފުނީގެ ޓެންޑަރ މެއިލްއަށް ހުށަހެޅުމަށް އެދިފައިވާއިރު، ޓެންޑަރ އާ ގުޅޭ ތަފުސީލުތައް ހިމެނޭ ލިޔެކިޔުންތައް، އެ ކަމަށް އެދި ހުށަހަޅާ ފަރާތްތަކާ ހިއްސާކުރާނެ ކަމަށް ރީނަޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ކޮށްފައިވާ އިއުލާނުގައި ވަނީ ބުނެފައެވެ.
އެރަށު ފަޅުން ކުދި ރަށްތަކެއް ހިއްކައިގެން ހަދާފައިވާ މި އެއަރޕޯޓް އޮންނަނީ މީހުން އުޅޭ ސަރަޙައްދާ ކޮންމެވެސް ވަރަކަށް ދުރުގައެވެ.
އެހެންކަމުން އެއަރޕޯޓް ހިމެނޭ ސަރަޙައްދުގައި ގެސްޓްހައުސްތައް އަޅައިިފިނަމަ ރިސޯޓްތަކުން އަންނަ ފަތުރުވެރިން މަޑުކޮށްލުމަށާއި އެހެނިހެން ބޭނުންތަކުގައި އަންނަ މީހުންނަށް ވެސް ތިބުމުގެ ފުރުޞަތު ލިބި، އަދި އެރަށުގެ އިޤްތިޞާދަށް ވެސް އޭގެ މަންފާ ކުރާނެއެވެ.
ހުވަދު އަތޮޅުގައި ތަރައްގީކޮށް ހުޅުވި ހަތަރު ވަނަ އެއަރޕޯޓު، ފަރެސްމާތޮޑާ އެއަރޕޯޓް ހުޅުވައި ރަސްމީކޮށް ދަތުރުތައް ފެށީ މިދިޔަ މަހުއެވެ.
ދިގުމިނުގައި 1،200 މީޓަރުގެ ރަންވޭ އަކާއި އޮޑިހަރުގެ ނަމޫނާއަކަށް ބަލައިގެން ފަރުމާކޮށްފައިވާ ޓަރމިނަލަކާއެކު ފަރެސްމާތޮޑާ އެއަރޕޯޓު ތަރައްގީކުރަން ގާތްގަނޑަކަށް 145 މިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ.
އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެމްޓީސީސީންނެވެ.