އަންނަ އަހަރު ރަޝިޔާގައި ބާއްވާ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ލިވަޕޫލުގެ މުހައްމަދު ސަލާޙް ފަހު ވަގުތު ޖެހި ޕެނަލްޓީއާ އެކު ކޮންގޯ ބަލިކޮށް މިސްރު ކޮލިފައިވެއްޖެ އެވެ.
މިސްރުން ވޯލްޑް ކަޕްގެ ޖާގަ ކަށަވަރު ކޮށްފައިވަނީ ކޮލިފައިންގައި ބާކީ އެއްމެޗު އޮއްވައި ރޭ ކޮންގޯގެ މައްޗަށް 1-2 ލަނޑުން ކުރި ހޯދައިގެންނެވެ.
ވޯލްޑް ކަޕް ކޮލިފައިން ގުރޫޕް އީގައި ރޭ ކޮންގޯ އާއި މިސްރު ބައްދަލު ކުރި މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުން ކުރެ ޓީމައަކް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވި ނަމަވެސް ދެވަނަ ހާފްގެ 63 ވަނަ މިނެޓްގައި ލިވަޕޫލްއަށް ކުޅެމުން އަންނަ މުހައްމަދު ސަލާހު ވަނީ މިސްރަށް ލީޑު ނަގާދީފައެވެ.
ސަލާހްގެ ލަނޑުން މިސްރަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުވުމަކާއި ގާތަށް ދިޔަ ނަމަވެސް މެޗުގެ 87 ވަނަ މިނެޓްގައި ކޮންގޯ އިން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.ކޮންގޯގެ ލަނޑާއި އެކު ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކަމުން ދިޔަ މިސްރުން ވަނީ މުޅި ޓީމު ކުރިޔަށް ޖައްސައި ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދާފައެވެ.މި ލަނޑު މެޗުގެ އެންމެ ފަހު މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދީފައިވަނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ސަލާހުއެވެ.
މިއީ 1990 ވަނަ އަހަރު މިސްރު ވޯލްޑް ކަޕަށް ކޮލިވައި ފަހުން މިސްރަށް ވޯލްޑް ކަޕްގެ ޖާގައެއް ލިބުނު ފުރަތަމަ ފަހަރެވެ.
އަންނަ އަހަރު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕަށް އެފްރިކާ ބައްރުން މިހާރު މިސްރުގެ އިތުރުން ކޮލިފައި ވެފައިވަނީ ނައިޖީރިޔާއެވެ.