English Edition
Dhivehi Edition

ފާނަ މަސްވެރިކަމުގައި އުޅޭ “އަލަމާ 5” ދޯނީގެ ކެޕްޓަން އާދަމް ޝަފީގް ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން މިހާތަނަށް، ކަނޑާއި ވައިގެ މަގުން 5692 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ ކޯސްޓްގާޑުން މެދުކެނޑުމެއްނެތި ގެއްލުނު މީހާ ހޯދުމުގައި ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އަދި ގެއްލިފައިވާ ފަރާތް ހޯދުމުގެ މަސައްކަތުގައި އެ ސަރަހައްދުން ދަތުރުކުރާ ސީޕްލޭންތަކާއި ފްލައިޓްތަކުގެ އެހީތެރިކަން ވެސް ހޯދަމުންދާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އެ ދޯނި ފ. އަތޮޅުން ފުރައިގެން މާލެއަށް ކުރި ދަތުރުގައި ހޯމަ ދުވަހުގެ ރޭ އަޑިއަށް ގޮސް އޭގައި ތިބި މީހުން ގެއްލުނުތާ 24 ގަޑިއިރު ފަހުން އެ ދޯނީގެ ދެ ފަޅުވެރިންވަނީ ފެނިފައެވެ، އެ ދެމީހުން ފެނިފައިވަނީ އަޑިއަށް ދިޔަ ދޯނީގައި ހުރި ހަންތަކެއްގައި އައްސައިގެން ކަނޑުމަތީގައި ތިއްބަ އެވެ.

އެމީހުން ކަނޑުމަތިން ސަލާމަތްކޮށްފައިވަނީ، ކަނޑުވި މީހުންގެ ތެރޭ ހިމެނޭ އަސަދުލް އިސްލާމްގެ ފޯނު ސަލާމަތުން އޮތުމުން، ރޭންޖް ލިބޭ ހިސާބަށް ދިއުމާ އެކު ދޯނީގެ ވެރި ފަރާތަށް ފޯނުން ގުޅައި މައުލޫމާތު ހިއްސާކުރުމުންނެވެ. އެ ދޯނިން ސަލާމަތްވި މީހުން ބުނެފައިވަނީ ކެޕްޓަން އެރޭ އިރުއޮއްސެންދެން އެމީހުންނާއި އެކު ކަނޑުމަތީ ގައި އޮތްކަމަށާއި، އޭނާ ގެއްލުނީ އިރުއޮއްސި އަދިރިވިފަހުންކަމަށެވެ. އަދި ކަނޑުމަތީގައި ގިނަ ވަގުތުވުމުން ކައްޕިއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަމަށާއި ދެ ފަހަރެއްގެ މަތިން، އެމީހުންނާއި ވަކިން ފަތައިގަންނަންވެސް މަސައްކަތްކުރިކަމަށެވެ.