ރައްޔިތުންގެ މުދަލަށް ގަސްތުގައި ގެއްލުންދޭ ފަރާތްތަކާމެދު ދައުވާކޮށް އޭގެ ބަދަލު ރައްޔިތުންނަށް ހޯދައިދޭންޖެހޭނެ ކަމަށްރައްޔިތުން މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަދި ވެރިކަންކުރާ ޕީޕީއެމްގެ ސެކްރެޓަރީޖެނެރަލް ޑރ. އަބްދުﷲ ޚަލީލް، ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ، ކުރިއަށްގެންގޮސްފައިވަނިކޮށް، އިދިކޮޅު މެމްބަރުން ކުރަމުން ދިޔަ އިހުތިޖާޖުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ޢާންމުކުރައްވާ، ކުރެއްވި ޓްވީޓެއްގައި ޚަލީލު ވިދާޅުވީ ރައްޔިތުންގެ މުދަލަށް ގެއްލުންދޭ ފަރާތްތަކާމެދު ދަޢުވާކޮށް އޭގެ ބަދަލު ރައްޔިތުންނަށް ހޯދައިދޭން ޖެހޭކަމަށެވެ.
ޚަލީލް ކުރެއްވި ޓްވީޓާއެކު ޢާންމުކުރެއްވި ފޮޓޯތަކުން އިދިކޮޅު މެމްބަރުން މަޖިލީހުގެ ގޮނޑިކޮޅުތައް މައްޗަށް ފައިން އަރައިގެން ތިބޭ މަންޒަރު ފެންނައިރު، އޭގެތެރޭގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ ހިމެނެއެވެ.
މިއަދު ކުރިއަށް ގެންދިޔަ ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ ވެސް ސިފައިން ބައިތިއްބައިގެންނެވެ.
މިއަދު މަޖިލީހުގެ ޖަލްސާތައް ފެށި އިރު އިދިކޮޅު މެންބަރުންނަށް ރިޔާސަތާ ހަމައަށް ނުދެވޭ ގޮތަށް އެތަން އުސްކޮށް އިދާރީ މޭޒުވަނީ ފުޅާކޮށްފައެވެ.
އިދިކޮޅު މެންބަރުންވަނީ މަޖިލީހުގެ ރައީސް މަސީހު ފޭބުމަށް ގޮވާލާ އަޑު ގަދަކޮށްފައެވެ. އިދިކޮޅު މެންބަރުން ހަޅޭލަވަލަވާ ތިއްބާ މަސީހުވަނީ އެޖެންޑާގައި މިއަދު އޮތް ހަމައެކަނި ކަންތައްތައް ކަމަށްވާ މަޖިލީހުގެ ގަވާއިދަށް ގެންނަ އިސްލާހަށް ވޯޓަށް އައްސަވާފައެވެ.
މިއަދުގެ ޖަލްސާގައި އޮތީ މަޖިލީހުގެ ރައީސް، މަޖިލީހުގެ ގަވާއިދުގެ 207 ވަނަ މާއްދާ އިޞްލާޙުކުރުމަށް ޢާންމު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅައި ވޯޓަށް އެހުމެވެ. ޖުމްލަ 55 މެންބަރުން ބައިވެރިވެވަވަޑައިގަތް އެ ޖަލްސާގައި އެ އިސްލާހު ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގަތް 28 މެންބަރުންގެ އިއްތިފާގުންނެވެ.
މިއަދުގެ ޖަލްސާ ނިންމާލި އިރު ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ދުވަހެއް ރިޔާސަތުން އިއުލާންކޮށްފައެއް ނުވެ އެވެ.