English Edition
Dhivehi Edition

ފުވައްމުލައް ސިޓީގެ ރައްޔިތުންގެ ފޮތަށް އަހުލުވެރިކޮށް، ފޮތްތެރިކަން އިތުރުކުރުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ތަފާތު ގިނަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ،

ފުވައްމުލަކު ސިޓީކައުންސިލްގެ ދަށުން ހިންގާ ފުވައްމުލަކު ޕަބްލިކް ލައިބުރަރީ ގިނަ ވަސީލަތްތަކާއި އެކު އަލުން ހުޅުވާފައިވަނީ 16 އެޕްރީލް 2021 ވަނަ ދުވަހުއެވެ. އެހެންނަނަމަވެސް މި ލައިބުރަރީ ހުޅުވި، މާ ގިނަދުވަސްތަކެއް ނުވެ ކޮވިޑްކޭސްތައް ފުވައްމުލަކުގައި އިތުރުވުމާއި ގުޅިގެން ލައިބްރަރީގެ ހަރަކާތްތައް ވަނީ މަޑުޖައްސާލާފައެވެ.

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަށްފަހު، އަލުން ފުވައްމުލައް ސިޓީގެ ލައިބުރަރީގެ ހިދުމަތް ފަށާފައިވާއިރު މި ލައިބުރަރީއަށް ފޮތް ހަދިޔާކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އަދި ލައިބުރަރީގެ މެމްބަރަކަށް ވުމުން، ގެއަށް ފޮތްތައް ގެންދިއުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެެ،

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ މި ލައިބުރަރީއިން ކުޑަކުދިންނާއި ބޮޑެތިމީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ފޮތް ކިޔޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށެވެ. އަދި ސްކޫލް ޗުއްޓީއާ ދިމާކޮށްވެސް ކުދިންނަށް ފޮތްކިޔޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު ހަފުތާއަކު އެއްދުވަހު ޚާއްސަ ޙަރަކާތެއް ހިންގާގޮތައްވަނީ ހަމަޖެހިފައެވެ.

މިގޮތުން މިހާރުވެސް ސީދާ ވާހަކަލިޔުންތެރިޔާގެ އަޑުން ވާހަކަ ކިޔާދިނުމުގެ ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ، މި ހަރަކާތާއި ބެހޭ ގޮތުން ސިޓީ ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް އާމިނަތު ޝެހެނާޒު ވިދާޅުވީ ހަފުތާއަކު އެއްދުވަހު އެކިބޭފުޅުން ވާހަކަ ކިޔާދޭގޮތަށް ހަމަޖެހިފައިވާކަމަށެވެ. މީގެ އިތުރުން ރަށުތެރޭގެ އެކި ހިސާބުތަކަށްގޮސް ވާހަކަކިޔާދިނުން ހަމަޖެހިފައިވާއިރު ޢުމުރުން ދުވަސްވީ މީހުންގެ ގޭގެއަށްގޮސް ފޮތްކިޔާދިނުން ކުރިއަށް ގެންދާނެކަމުގައިވެސް ޝެހެނާޒު ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ވީހާވެސް ގިނަ ރައްޔިތުން ލައިބުރަރީގެ މެމްބަރަކަށްވެ، ފުވައްމުލަކުގެ ޕަބްލިކް ލައިބުރަރީގެ ބޭނުންހިފުމަށް އެދިވަޑައިގެންފައެވެ.

އެމްޖޭއެސް ސްކޫލް ހިސާބުން ދިގުވާޑު އަވަށުގައި ހުންނަ ފުވައްމުލަކު ޕަބްލިކް ލައިބުރަރީ، އެންމެ ފުރަތަމަ ހުޅުވާފައި ވަނީ 2014 ވަނަ އަހަރުގެ ޖަނައަރީ މަހު 13 ވަނަ ދުވަހު އެވެ.