ސިޔާސީ ކޯޅުމުގެ ތެރެއިން ފުވައްމުލައް ސިޓީ އާއި ރައްޔިތުންނަށް ލިބެން އޮތް ކުރިއެރުމެއް ނުހުއްޓުވާނެކަމަށާއި ކަމަށާއި ފުވައްމުލައް ސިޓީގެ ތަރައްޤީއާއި ކުރިއެރުމަށް ސަރުކާރުން ކޮށްދެއްވާ ކޮންމެ މަސައްކަތެއްގައިވެސް ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ލިބިގެންދާނެކަމުގެ ޔަގީންކަން ދެއްވާކަމަށް އެސިޓީގެ މޭޔަރު އިސްމާއިލް ރަފީގް ވިދާޅުވެއްޖެއެވެ.
“ރައީސްގެ ޓީމާއެކު މަސައްކަތްކޮށް ފުވައްމުލަކަށް ބޭނުންވާ ތަރައްޤީ ގެނައުމަށް ކައުންސިލްގެ އެއްބާރުލުން ލިބިގެންދާނެ. އަދި އެކަމުގައި ރައީސްގެ އެއްބާރުލުން ލިބިގެންދާނެކަމަށް ޔަގީންކުރަން.” މޭޔަރ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފުވައްމުލަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ފުވައްމުލައް ސިޓީ މޭޔަރ އިސްމާޢީލް ރަފީޤް ވިދާޅުވީ ސަރުކާރުގެ ވަރަށް ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފުވައްމުލައް ސިޓީއަށް ދަތުރުފު ކުރެއްވުމަކީ އެމަނިކުފާނު އެސިޓީއަށް ދެއްވާ އަހަންމިއްޔަތުކަން ދައްކައިދޭ ކަމެއްކަމަށެވެ.
މީގެ އިތުރުން ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފުވައްމުލައް ސިޓީގެ މޭޔަރ ވަނީ އިއްޔެ ރައީސުލްޖުމްހޫރިއްޔާއާއި ފުވައްމުލައް ސިޓީ ކައުންސިލް، އެސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި ދައުލަތުގެ ވަޒީރުންނާއި އިސްވެރިން ބޭއްވެވި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި ކަންކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ސިޓީގެ ހުރިހާ މަގެއްގެ ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވާނެކަމުގެ ޔަގީން ސަރުކާރުން ދެއްވާފައިވާކަމަށް މޭޔަރ ވިދާޅުވިއެވެ. އަދި މަގު ހެދުމުގެ މަޝްރޫޢު ކުރިއަށްނުދާނެކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދަނިކޮށް ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގެ ތެރެއިން އެ މަޝްރޫއު ފައްޓަވާ ދެއްވިކަމަށްޓަަކައި މޭޔަރ ވަނީ ޝުކުރުއަދާކުރައްވާފައެވެ.
ފުވައްމުލަކުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢާއި ރަށުގެ ބަނދަރުގެ މަސައްކަތްވެސް ސަރުކާރުން ކުރިއަށްގެންދަން ނިންމަވާފައިވާކަން ފާހަގަކުރައްވަމުން މޭޔަރ ވަނީ ބޮޑެތި މަތިންދާ ބޯޓު ޖެއްސޭ ފެންވަރަށް ފުވައްމުލަކު އެއަރޕޯޓު ތަރައްޤީކޮށްދެއްވުމަށް ސަރުކާރުން ނިންމަވާފައިވާކަންވެސް ފާހަގަކުރައްވައި އެކަމުގެ ސަބަބުން އެ ސިޓީގެ އިގްތިސާދަށް ކުރިއެރުންތަކެއް ލިބޭނެކަމަށް ވިދާޅުވެފައެވެ.
އިގްތިސާދީ މަޝްރޫއުތަކުގެ އިތުރުން ފުވައްމުލައް ސިޓީ ހޮސްޕިޓަލަށް ބޭނުންވާ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމަށާއި އަދި އެސިޓީގައި މުޅިން އައު ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ބޭނުންވާ އެހީ ސައުދީ ފަންޑު މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ކުރައްވަމުންދާކަން ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިކަމަށްވެސް މޭޔަރ ވިދާޅުވިއެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީގެ އަމަން އަމާންކަން ގާއިމުކުރުމަށްޓަކައި ފުވައްމުލައް ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރުމަށް އިތުރު ފުލުހުން ހަމަޖެހިގެންދާނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާކަމަށްވެސް މޭޔަރ ވަނީ ފާހަގަކުރައްވާފައެވެ.