English Edition
Dhivehi Edition
މާވިން އަދި އޭނާގެ ލޯބިވެރިޔާ ލަމްހާ

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ މޭރީ ގްރޭސް ޕިނޭޑާ މަރާލި މައްސަލާގައި ހައްޔަރުކުރި އޭނާގެ ފިރިމީހާ މާވިން އާއި މާވިންގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާ އަށް ދައުވާކޮށްފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކުރި ގޮތުގައި މިމައްސަލައިގައި ދައުވާ ކޮށްފައިވަނީ އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސް ނަރުހެއްކަމަށްވާ މާވިން އެސްވައި ވާގަސްގެ އިތުރުން، މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ އޭނާގެ ދިވެހި ލޯބިވެރިޔާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްޙާ އަބްދުއްރަހްމާނުގެ މައްޗަށެވެ.

މި މައްސަލައިގައި ލަމްހާގެ މައްޗަށް ފުލުހުން ވަނީ ގިނަ ތުހުމަތު ތަކެއްކޮށްފައެވެ. އެގޮތުން އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި މޭރީ މަރާލަން ރޭވުމާއި، ކުށެއް ކުރަން އުޅުމާއި، ކުށެއް ކުރުމަށް އެދުމާއި، ކުށްކުރުމުގެ އާލާތް އަތުގައި ހުރުމާއި މަރެއް ފޮރުވުން އަދި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުން ހިމެނެ އެވެ.

ޅ. ހިންވަރު، މާފިނި، ހާލީމަތު ލަމްހާ އަބްދުއްރަހުމާން (24) ގެ މައްޗަށް އުފުލާފައިވަނީ، މޭރީ މަރާލުމުގައި ލަމްހާ މާވިންއަށް އެހީތެރިވެދީފައިވާތީއާއި، މޭރީ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރިވެ، މޭރީ މަރާލުމުގެ އަމަލު ހިންގުމަށް މާވިންއަށް މަގުފަހިކޮށްދީފައިވާތީކަމަށް ޕީޖީން ބުނެއެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ ހަ އަހަރު ދުވަހުގެ ޖަލު ހުކުމެއް ލަމްހާއަށް އަންނާނެއެވެ.

އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ ލަމްހާގެ މައްޗަށް އުފުލާފައިވަނީ، ލަމްހާ ދިރިއުޅޭގެ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު، އެ ގޭގައި އޭނާ ދިރިއުޅޭ ކޮޓަރީ ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ހުއްދައަކާ ނުލައި، އެ ހޮސްޕިޓަލުން އޭނަ ނަގާފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ، އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވާތީކަމުގައި ޕީޖީން ބުނެއެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އޭނަގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މީގެއިތުރުން ޕީޖީން ބުނީ، ލަމްހާގެ މައްޗަށް އުފުލާފައިވާ ތިންވަނަ ދައުވާކަމުގައިވާ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ، ލަމްހާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، އެގޭގައި ލަމްހާ ދިރިއުޅޭ ކޮޓަރި ތެރެއިން، ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވާތީކަމުގައެއެވެ. މި ކުށުގެ އަދަބަކީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެވެ. ތިން ދައުވާ ސާބިތުވެއްޖެނަމަ ލަމްހާގެ މައްޗަށް ހަ އަހަރާއި ހަތަރު މަސް އަދި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މާވިންގެ މައްޗަށް އުފުލާފައިވަނީ އެއް ދައުވާއެކެވެ. އެއީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. މާވިންގެ މައްޗަށް އެ ދައުވާ އުފުލާފައިވާ ސަބަބެއްގެ ގޮތުގައި ޕީޖީން ބުނީ، މާވިން، އޮކްޓޫބަރު 19 ވަނަ ދުވަހުގެ 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، އޭނަ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި އޭނާގެ އަންހެނުން، މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި، ނޭވާ ހާސްކޮށްގެން މަރާލާފައިވާތީކަމަށެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ މާވިންއަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ދަންޖެހިގެން މަރުވީކަމަށް ބުނެ އޮކްޓޯބަރު 19 ވަނަ ދުވަހު މޭރީގެ ހަށިގަނޑު އައިޖީއެމްއެޗްއަށް ގެންދިޔައީވެސް އޭނާގެ ފިރިމީހާ މާވިންއެވެ. ނަމަވެސް މޭރީ ގްރޭސްގެ މަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ނިންމީ އެކަމުގައި ޝައްކުކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުގެ ސަބަބުންނެވެ. ޕޯސްޓްމޯޓަމަށްފަހު މޭރީގެ ހަށިގަނޑު އަބުރާ ފިލިޕީންސްއަށް ވަނީ ފޮނުވާފައެވެ.