English Edition
Dhivehi Edition
ކ.ގުރައިދޫ ގައި އެމްޑީޕީ ހަރުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޣައިރު ދީންތަކުގެ ޝިއާރުތައް ފަތުރާ ކަމަށް ބުނާ މައްސަލަ ބަލާނެކަމަށް ފުލުހުން ބުނެފިއެވެ.

ޣައިރު ދީންތަކުގެ ޝިއާރުތައް ނަޝީދު ފަތުރަމުންދާ ކަމަށް ބުނެ ފުލުހުންގެ މުއައްސަސާއަށް ދީނީ އިލްމުވެރިންގެ ޖަމިއްޔާތައް ހިމެނޭ “ޖަމިއްޔަތުލް އިއްތިހާދު” ގެ ފަރާތުން ވަނީ މައްސަލަ ހުށަހަޅާފައެވެ، ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއްގައި މި މައްސަލަ ބަލައި ދިނުމަށް އެދި ޖަމިއްޔަތުލް އިއްތިހާދުން ވަނީ އެދިފައެވެ.

މިކަން ކަށަވަރުކޮށްދެއްވާ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ ސިޓީއެއް ލިބިފައިވާ ކަމަށާއި އޭގައިވާ ކަންކަން ފުލުހުން ބަލަމުން ގެންދާނެ ކަމަށެވެ. މީގެ ކުރިންވެސް ޖަމިއްޔަތުލް އިއްތިހާދުން ރައީސް ނަޝީދުގެ މި ފަދަ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާއިރު، އިދިކޮޅު ސިޔާސީ ފަރާތްތަކާއި ބައެއް ދީނީ އިލްމުވެރިންވެސް ވަނީ އެމްޑީޕީގެ ލީޑަރޝިޕގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން ދީނާއި ހިލާފު ވާހަކަތައް ދައްކަވާ ކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް ރައީސް ނަޝީދާއި އެމްޑީޕީ މެމްބަރުން ވަނީ ތަކުރާރުކޮށް މި ވާހަކަތައް ދޮގުކުރައްވާފައެވެ.