English Edition
Dhivehi Edition

ސަރުކާރުން ހުޅުވާލާފައިވާ 500 ނަރުހުން ތަމްރީނު ކުރުމުގެ ޕްރޮގުރާމުގެ ދަށުން ތަމްރީނުވަމުން އައި 74 ނަރުހުން އަމަލީ ތަމްރީނު ހޯދުމަށް ހޯމަ ދުވަހު ހެނދުނު އިންޑިއާގެ ކެރެލާގެ ޓްރެވެންޑްރަމްއަށް ފުރައިފިއެވެ.

އިންޑީޔާގެ ތިރިވަނަންތަޕޫރަމްގެ އެސް. ޔޫ.ޓީ ހޮސްޕިޓަލުގައި މި ދަރިވަރުން ދެމަހެއް ހާ ދުވަހުގެ މުއްދަތަށް އަމަލީ ތަމްރީނު ހޯދުމަށްފަހު އެނބުރި ރާއްޖެ އަންނާނީ އަންނަ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހުއެވެ.

އަމަލީ ތަމްރީހު ހޯދުމަށް އިންޑިއާއަށް ފުރާ ކުދިންނާ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވަނީ އާދިއްތަ ދުވަހު ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ތަމްރީނު ކުރުމަށް ހުޅުވައިލި އަދަދަށްވުރެ އިތުރަށް ޕްރޮގްރާމަށް ކުދިން ކުރިމަތިލުމުން އުފާކުރައްވާކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ނަރުހުން ތަމްރީނުކުރުމަށް އިތުރު ފުރުސަތުތައް ހުޅުވައިލައްވާނެކަމަށެވެ. މި ބައްދަލުވުމުގައި ވާހަކަ ދެއްކި ނަރުހުންވެސް ބުނީ މި ފަދަ ފުރުސަތުތަކެއް ފަހިކޮށްދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންއަށާ، އެޑިއުކޭޝަން މިނިސްޓަރަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ކިޔަވައި ނިންމައިގެން ޤައުމަށް ހިދުމަތްކުރުންމަތީ ދެމިތިބުމުގެ ޔަގީންކަން އަރުވާކަށެވެ.

މިއަހަރުގެ ޖުލައިމަހުގެ ތެރޭގައި ޓިވެޓް އޮތޯރިޓީން 500 ނަރުހުން ތަމްރީނު ކުރުމަށް ފުރުސަތު އޮތްކަން އިއުލާނުކުރުމާއެކު ފާއިތުވީ މުއްދަތުގެ ތެރޭގައި މި ކޯސްތަކަށް އެދި 1124 ދަރިވަރުން ކުރިމަތިލާފައިވާކަމަށް ޓިވެޓް އޮތޯރިޓީން މައުލޫމާތު ދެއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން ގެ ޓިވެޓް އޮތޯރިޓީން މިހާރު ވެސް ދަނީ ނާރސިންގ ދާއިރާގެ ދެ ލެވެލެގެ ކޯހެއް އަންނަނީ ހިންގަމުންނެވެ. އެއީ، ޑިޕްލޮމާ އިން ނާރސިންގ އާއި އެޑްވާންސްޑް ސެޓްފިކެޓް އިން ނަރސިންގ އެވެ. މި ދެ ކޯހަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދެ ކޯހެކެވެ. މި ކޯސްތައް ފުރިހަމަކުރނީ ޓިވެޓް އޮތޯރިޓީން ނަމަވެސް މި ދެ ކޯސް ފުރިހަމަ ކުރާ ދަރިވަރުންނަށް ލިބޭނީ ޤައުމީ ޔުނިވާސިޓީގެ ސެޓްފިކެޓެވެ.

ފައްސަތޭކަ ނަރުހުން ތަމްރީނު ކުރުމުގެ އިތުރުންވެސް ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން އަންނަނީ މިފަދަ ތަފާތު އެއްތައް ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. އެގޮތުން 1000 ފޮޓޯގްރާފަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމަކާ، 1500 އިލެކްޓްރީޝަނުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއްގެ އިތުރުން ފާމަސީ އެސިސްޓެންޓުން ތަމްރީނުކުރުމަށް 1000 ފުރުޞަތުހުޅުވާލާފައިވާއިރު، 1000 ކޭޝިއަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއްވެސް ވަނީ ހުޅުވާލާފައެވެ. އަދި ޓޫރިޒަމް ދާއިރާއަށް 8000 މުވައްޒަފުން ތަމްރީނު ކުރުމުގެ ޕްރޮގްރާމަކާއި ފުޑް އެންޑް ބެވަރޭޖް ދާއިރާއިން މީހުން ބިނާކުރުމާއި، ރިސޯޓްތަކުގައި “ސްޓެޕް” ގެ ނަމުގައި ހިންގޭ އެޕްރެންޓިސްޝިޕް ޕްރޮގްރާމުއެއްވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ. ސްކޫލްތަކުގެ ދަރިވަރުން ހިމެނޭ ގޮތަށް 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު 2700 އަށްވުރެ ގިނަ ދަރިވަރުން ދަސްވާރު ޕްރޮގްރާމްގެ ދަށުން ވަނީ ތަމްރީނުކޮށްފައެވެ.