ނަރުހުންގެ ވަޒީފާއަކީ މުހިންމު ވަޒީފާއެއްކަން ފުރަތަމަ ވިސްނައި، އެކަން ޤަބުލުކުރަން ޖެހޭ ބަޔަކީ ނަރުހުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.
ނަރުހުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޑިނަރ ނައިޓްގައި ވާހަކަ ދައްކަވަމުން ފަސްޓް ލޭޑީ ފަޒްނާ އިތުރަށް ވިދާޅުވެފައިވަނީ ނަރުހުންނަށް ޒިންމާދާރުކަމާއިއެކު މަސައްކަތްކުރެވޭނީ، ނަރުހުންގެ މަސައްކަތަކީ މުހިންމު މަސައްކަތެއްކަން ނަރުހުންގެ ހަނދާނުގައި އަބަދުވެސް ބަހައްޓައިގެން ކަމަށެވެ. މީގެ އިތުރުން ފަސްޓް ލޭޑީ ވިދާޅުވިގޮތުގައި ސިއްޙީ ދާއިރާގެ އެންމެ މުހިންމު އެއް ދައުރެއް އަދާކުރާ ބަޔަކީ ނަރުހުން ކަމަށެވެ.
މީގެ އިތުރުން މި ޑިނަރ ނައިޓްގައި ވާހަކަ ދައްކަވަމުން ފަސްޓް ލޭޑީ ފަޒްނާ ވިދާޅުވެފައިވަނީ ކުރިން ހީވެފައި އޮންނަ ގޮތާއި ޙިލާފަށް ނަރުހުންނަކީ ހަމައެކަނި އިންޖެކްޝަން ޖަހަން ތިބޭ ބައެއް ނޫންކަމަށާއި، ނަރުހުންނާއި ބަލި މީހާ ފުރަތަމަ ދިމާވެ ކުރެވޭ މުޢާމަކާތްތަކުން އެކަނިވެސް ބަލިމީހާ އެ ނަރުހަކާއި ބެހޭ ގިނަ ކަންތައްތަކެއް ދަނެގަންނާނެ ކަމަށެވެ. އަދި މިހެން މިކަންތައް އޮތުމުން ކޮންމެ ނަރުހަކީވެސް އިންސާނީ މި މަސައްކަތަށް ނިކުންނައިރު އަދި ބަލި މީހުންނާއި ވާހަކަ ދައްކާ ފަރުވާދޭއިރު އޯގާތެރިކަމާއިއެކު ހިތްހެޔޮކަން އިސްކޮށް އަމަލުތައް ބަހައްޓަންޖެހޭ ފަރާތަކަށް ވުމަށްވެސް ފަސްޓް ލޭޑީ ވަނީ އިލްތިމާސްކުރައްވާފައެވެ.
ފަސްޓް ލޭޑީ ފަޒްނާ އިތުރަށް ވިދާޅުވިގޮތުގައި ނަރުހުންނަކީ ހިތަށް ދަތި އެތަށް ކަމަކާއި ކޮންމެ ދުވަހެއްގެ މަސައްކަތުގެ މާހައުލުގައިވެސް ކުރިމަތިލާ ބައެއް ކަމުގައެވެ. އަދި ނަރުހުން އެކަންތަކާއި ކުރިމަތިލާއިރު ނަރުހުން ދައްކާ ހިތްވަރާއި އޯގާތެރިކަމަށް ފަސްޓް ލޭޑީ ފަޒްނާ ވަނީ ނަރުހުންނަށް ތަޢުރީފުކުރައްވާފައެވެ.
ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 12 ވަނަ ދުވަހަކީ ބަޢިނަލްއަޤްވާމީ ނަރުހުންގެ ދުވަހެވެ. މިއަހަރުގެ ނަރުހުންގެ ދުވަހާއި ކައިރިކޮށް މިހާރުގެ ސަރުކާރުންވަނީ ނަރުހުންގެ އެންމެ ބޮޑު ޝަކުވާ ކަމުގައިވާ މުސާރައިގެ މައްސަލައަށް ބޮޑު ބަދަލެއް ގެންނަވައި ނަރުހުންގެ މުސާރަ ބޮޑުކޮށްދީފައެވެ.