English Edition
Dhivehi Edition
ހައިކޯޓުގައި ބޭއްވި ހުކުމް ކުރުމުގެ މަޖިލީހުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް --

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް މިއަދު ކްރިމިނަލް ކޯޓުގައި ފަށައިފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް އާރަށުގައި ރިސޯޓެއް ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީނަށް ދައުވާކުރަނީ އެ ރަށް ވަކި ބަޔަކަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވައި އެ ފައިސާ ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައެވެ،

މި މައްސަލައިގައި ރައީސް ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށްވެސް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

އެ މައްސަލައިގެ ޝަރީއަތް ފެށުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ގާޒީ އަހްމަދު ޝަކީލް ވަނީ މައްސަލައިގެ ލިޔެކިޔުންތައް ލިބިފައިވޭތޯ ސުވާލުކުރައްވާފައެވެ. ޖަވާބުގައި ޔާމީންގެ ވަކީލުންގެ ޓީމުންވަނީ ލިޔެކިޔުންތައް ލިބުނު ނަމަވެސް އެ ދިރާސާ ކުރުމަށް ވަގުތު ލިބިފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

މިއަދުގެ އަޑުއެހުމަށް ޔޫސުފް ނައީމް ވަނީ ވަކީލަކު އައްޔަނު ކުރުމަށް ފުރުސަތު ދިނުމަށް އެދިފައެވެ. އެހެން ކަމުން ވަކީލަކު އައްޔަނު ކުރުމަށް ގާޒީ ވަނީ 10 ދުވަސް ޔޫސުފް ނައީމަށް ދެއްވައިފައެވެ.