English Edition
Dhivehi Edition
ފޮޓޯ:ރައީސް އޮފީސް

ބިން ބޭނުންކުރުމުގައި ރައްޔިތުންނަށް އެންމެ ފައިދާކުރާގޮތަށް އަދި މާލީ ފުދުންތެރިކަން އިތުރުވާގޮތަށް ކައުންސިލްތަކުން މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކ. މާފުށްޓަށް އަލަަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑް ރަސްމީކޮށް މާފުށީ ކައުންސިލާ ޙަވާލުކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ، މިއަދުގެ ރަސްމިއްޔާތުގައި ވަނީ ކ. މާފުށްޓަށް އަލަަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑް ރަސްމީކޮށް މާފުށީ ކައުންސިލާ ޙަވާލުކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެނައި ބޮޑެތި ބަދަލުތަކާއެކު، ހިންގުމުގެ ބާރާއި މާލީ ފުދުންތެރިކަމުގެ ބާރާއި ފައިސާ ހޯދުމުގެ ބާރުވެސް ކައުންސިލްތަކަށް ދޫކޮށްލެވިފައިވާކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި އެމަނިކުފާނު މާފުށްޓަށް ވަޑައިގަތުމުން އެދުވަހު އަޑު އިވިވަޑައިގަތީ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމުގެ ޝަކުވާ ކަމަށެވެ. އަދި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވީ ބިން އިތުރުކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުން ބޭނުންވި ފަދައިން ލޯކަލް ޓޫރިޒަމަށް ބޭނުންވާ ބިން މިއަދު އިތުރުކުރެވިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ މަސައްކަތުގައި، މާފުށްޓަށް އަލަށް އިތުރު ކުރެވުނު ބިމާ އަދި ޕިކްނިކް އައިލެންޑުގެ މަސައްކަތަށް ސަރުކާރުން 128 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ.

އިތުރަށް ރައީސް ވަނީ މާފުށްޓަށް އަލަަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑުގެ ބޭނުން ކުރުމުގައި ހަދާ ލޭންޑް ޔޫޒް ޕްލޭނަށް މާފުށީ ރައްޔިތުންގެ ލަފާ ހޯދައި އެ ރައްޔިތުންނަށް އެންމެ ފައިދާ ކުރާނެގޮތަށް މަސައްކަތް ކޮށްދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންފައެވެ.