English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ މަތިކިޅި އިކޯ ގާރޑެން މަރާމާތު ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ ބިޑް ޑޮކިއުމަންޓް 26 ޑިސެމްބަރ 2021 ވާ އާދިއްތަ ދުވަހުން ފެށިގެން30 ޑިސެމްބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 އާއި ހަމަޔަށް ގަންނަން ލިބެން ހުންނާނެކަމަށެވެ. ބީލަމުގައި ބައިވެރިވުމަށް 300/- ( ތިންސަތޭކަ ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭއިރު ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 06 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގައެވެ.

އައްޑޫ މީދޫ މަތިކިޅިއޭ ކިޔުނު ކުޅި އާއި ޗަސްބިމުގައިވާ ފެންގަޑެއް ހިމާޔަތް ކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށިގެންދިޔައީ 02 ޑިސެމްބަރު 2017ގައެވެ.މީދޫގެ ތިން ފަރާތަކުން އިސްނަގައިގެން މި ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރެވުނު މަސައްކަތަކީ ފެންގަނޑު ތެރޭގައި ހުރި ކުނިބުޏްނާއި ކާފަރުބުރު ފަދަ ވިނަތައް ސާފުކޮށް ރީތި ކުރުމާއި ފެންގަނޑު ވަށައިގެން ހިނގޭނެ ގޮތަށް ވޯލްކުވޭ ހެދުމެވެ. ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންގެ އެހީތެރިކަމާއެކު މި މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު 05 ޖޫން 2021 ގައި މަތިކިޅި ސަރަހައްދު ހިންގާ ބެލެހެއްޓުމަށް އައްޑޫ ސިޓީ ކައުންސިލާއި ވަނީ ހަވާލުކޮށްފައެވެ.

މަތިކިޅި ސަރަހައްދު ބެލެހެއްޓުމަށް މިއަހަރުގެ ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ބަޖެޓުގައި ހިމަނާފައިވާއިރު، އެއެއްބަސްވުމުގެ ދަށުން، ޕީއެސްއައިޕީގެ ބަޖެޓުގައި ހިމެނޭ 300،000 (ތިން ލައްކަ ރުފިޔާ) ހިމެނޭގޮތަށް މިނިސްޓްރީއިން ޕްލޭން ކޮށްފައިވާ ގޮތަށް މަތިކިޅި ސަރަހައްދު ހިންގައި، ބަލަހައްޓާ އަދި ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.

މަތިކިޅި ސަރަހައްދަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން 2020ވަނަ އަހަރުގެ ސެޕްޓެންބަރު 22ވަނަ ދުވަހު ހިމާޔަތްކޮށްފައިވާ ޗަސްބިން ސަރަހައްދެކެވެ.