English Edition
Dhivehi Edition

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން ދޫކޮށްފައިވާ 35 ގޯއްޗެއް، ބަދަލު ދިނުމަށް ފަހު ދައުލަތަށް ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުން ރަނގަޅު ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ގޯތީގެ މައްސަލައިގައި 14 މީހަކު ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އޭގެ ތެރެއިން 7 މައްސަލައެއްގައި ސިޓީކައުންސިލުން ނިންމާފައިވާ ގޮތް ރަނގަޅު ކަމަށް ކޯޓުން ނިންމި އިރު އަނެއް 7 މައްސަލައިގައި ބުނެފައިވަނީ ކޯޓުން ނިންމި ނިންމުން ރަނގަޅު ނޫން ކަމަށެވެ.

އައްޑޫސިޓީ ކައުންސިލުން ނިންމާފައިވަނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ކައިރިން ދޫކޮށްފައިވާ 35 ގޯއްޗެއް ދައުލަތަށް ނެގުމަށްފަހު އޭގެ ބަދަލުގައި ހިތަދޫ ސްޓޭޑިއަމް ސަރަހައްދުން ބިން ދޫކުރާ ގޮތަށް އެބިން ދައުލަތަށް ނެގުމަށެވެ. އެ މައްސަލަތަކުގައި ހައި ކޯޓުން ކުރި ހުކުމުގައިވަނީ މީހުންގެ މުދާ އަތުލުން ގާނޫނު އަސާސީން މަނާ ކުރިޔަސް، އާންމު ފައިދާއަކަށްޓަކައި ޝަރީއަތް މެދުވެރިކޮށް ބަދަލު ދިނުމަށްފަހު މުދަލެއް ދައުލަތަށް ނެގިދާނެ ކަމަށް ގާނޫނުު އަސާސީގައި ބުނެފައިވާ ކަމަށެވެ. އަދި ގޯތިތައް އަތުލަން އައްޑޫ ސިޓީ ކައުންސިލުން ނިންމި ނިންމުމުގައި ވެސް އޮތީ ގޯތިތަކުގެ ވެރިފަރާތްތަކަށް ގާނޫނާ އެއްގޮތަށް ދޭންޖެހޭ ބަދަލެއް ދިނުމަށްފަހު ގޯތިތައް އަތުލުން ކަމަށާއި އެހެންވެ، އެއީ ގާނޫނާ ޚިލާފް ނިންމުމެއް ނިިންމުމެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ.

ކައުންސިލްގެ ނިންމުން ރަނގަޅު ކަމަށް ހިތަދޫ ކޯޓުން ނިންމާފައި ވަނިކޮށް އެއާ ތަފާތުކޮށް އަނެއް ހަތް މައްސަލާގައި ހަމަ އެ ކޯޓުން ނިންމުމަކީ ގާނޫނާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށް ހުކުމްގައި ބުނެފައިވެއެވެ. އަދި އެއް ކޯޓަކުން ދެގޮތަށް އެ މައްސަލަތައް ނިންމީ ދެ ފަނޑިޔާރަކު އެ މައްސަލަތައް ބެލުމުން ކަމަށާއި އެކަމަކު ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ގޮތުން އެފަދަ ހާލަތްތަކުގައި އެ ހުރިހާ މައްސަލަތަކެއް ބަލަން ޖެހޭނީ އެއް ފަނޑިޔާރަކު ކަމަށްވެސް އެ ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ގޯތިތައް އަތުލަން ކައުންސިލުން ނިންމި ނިންމުން ބާތިލް ކުރަން ހިތަދޫ ކޯޓުން ކުރި ހުކުމްތައް ބާތިލް ކުރުމާ އެކު، ކައުންސިލްގެ ނިންމުން ރަނގަޅު ކަމަށް ކުރި ހުކުމްތަކަށް ތާއީދުކުރާ ކަމަށެވެ.

ހައި ކޯޓުން އެ މައްސަލަ ބެއްލެވީ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ އިސް ފަނޑިޔާރު ހާތިފެވެ.