ކުރިއަށް އޮތް ރޯދަމަހަށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޭން ނިންމި މަސް ދަޅު ކޭސް ތަކުގެ ތެރެއިން އައްޑޫގެ ރައްޔިތުންނަށް ބަހާ މަސްދަޅު ބަހާނީ އައްޑޫ ސިޓީ ކައުންސިލްގެ އަވަށު އޮފީސްތަކުގެ ފަރާތުން ގެތަކަށް ޒިޔާރަތް ކޮށްގެން ކަމަށް ސިޓީކައުންސިލުން ބުނެފިއެވެ.
ކައުންސިލުން މީގެކުރިން ވަނީ މަސްދަޅު ކޭހާއި ހަވާލުވާން އައުމަށް އާންމުކޮށް އިއުލާން ކޮށްފައި ނަމަވެސް ފަހުން އެ އިއުލާން ވަނީ ބާތިލުކޮށްފަ އެވެ.
“އައްޑޫ ރައްޔިތުންނަށް ބެހުމަށް ފޮނުވި މަސްދަޅުކޭސް، ރަޖިސްޓްރީ ކުރެވިފައިވާ މީހުން ދިރިއުޅޭ ގެތަކަށް އަންނަ ހޯމަ ދުވަހުން ފެށިގެން ކައުންސިލްގެ އަވަށު އޮފީސްތަކުގެ ފަރާތުން އެގެތަކަށް ޒިޔާރަތްކޮށް، ހަވާލުކުރެވޭނެ ” ކައުންސިލުން ފަހުން އާންމުކުރި އިއުލާނުގައި ބުނެފައިވެއެވެ.
ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ރޯދަމަހާ ދިމާކޮށް ބަހާ މަސްދަޅު ރަށްރަށުގެ ގޭބިސީތަކަށް ބަހަނީ އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށެވެ.
މި ފަހަރުގެ ރޯދަމަހަށް ކޮންމެ ގެއަކަށް 48 ދަޅުގެ މަސް ކޭހެއް ދިނުމަކީ ރައީސް މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެވަޑައިގެންފައިވާ ވައުދެކެވެ.
މި ރޯދަމަހު ގޭގެއަށް މަސްދަޅު ކޭސް ބަހާއިރު، މިދިޔަ އަހަރުގެ ރޯދަމަހު ސަރުކާރުން ވަނީ 82،000 ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހިލޭ ދީފަ އެވެ. އަދި ކަރަންޓާއި ފެނުގެ ބިލުން 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވެ އެވެ.