English Edition
Dhivehi Edition

ސެކިއުރިޓީ ބޭނުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ މަގާއި ފަޅުތެރެ މިމަހު 22 ގައި ބަންދުކުރަން ނިންމައިފި އެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މިގޮތަށް ހަދަން ނިންމީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާތީ ކަމަށެވެ. އެގޮތުން ޑިސެމްބަރ 22 ވަނަ ދުވަހު ހުޅުލޭގެ އިންޓަރނޭޝަނަލް ޓަރމިނަލްގެ އުތުރު ކަންމަތިން ފެށިގެން ކާގޯ ބިލްޑިންގ ދެކުނު ކަންމައްޗާއި ހަމަައަށް ހުޅުލޭގެ އެއްގަމާއި ފަޅުތެރޭގައި އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުމަކީ މަނާ ކަމެއް ގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.

އެމްއޭސީއެލް އިން ބުނީ އެދުވަހުގެ މެންދުރު 12 އިން ހަވީރު 4 އަށް އެ ސަރަހައްދުގެ ފަޅުތެރެއަށް އެއްވެސް އުޅަދެއް ވަނުން މަނާވާނެ ކަމަށާއި އެވަގުތު ކަނޑު އުޅަނދު ފަހަރަށް ބޭނުން ކުރެވޭނީ ހުޅުލޭގެ އެންމެދެކުނުގައިވާ ޖެޓީ އެކަނި ކަމަށެވެ. އަދި މެންދުރު ދޭކުން ހަވީރު ހަތަރަށް އެސަރަހައްދުގައި އެއްވެސް ބާވަތެއްގެ ވެހިކަލެއް ދުއްވުން ވެސް މަނާވާނެ ކަަމަށް ވަނީ އެމްއޭސީއެލްއިން ބުނެއެވެ.

އެ ކުންފުނިން ބުނީ އެވަގުތުތަކުގައި ފުލުހުންގެ އިރުޝާދާއި އެއްގޮތަށް އިންޓަރނޭޝަނަލް ޓަރމިނަލްގެ އުތުރުކަންމަތި (ބޮލިބުރު ކައިރިން) ޢާންމު އުޅަނދުފަހަރު އަނބުރާލެވޭގޮތަށް ހަމަޖެހިފައިވާނެ ކަމަށެވެ. އަދި ފުލުހުންގެ އިރުޝާދާ އެއްގޮތަށް އެސަރަހައްދުގައި ހިނގާ އުޅެވޭނެ ކަމަށް ވެސް އަންގާފައި ވެއެެވެ.

އެހެންނަމަވެސް ދުއްވާ އެއްޗިއްސަށާއި ހިނގައި އުޅުމަށް މުޅިން މަނާ ވަގުތުކޮޅެއް އަންނާނެ ކަމަށާއި އެވަގުތުގައި އެމްޓީސީސީގެ ބަސް މަޑުކުރާނީ ވެސްޓަރން ޕާކިންގ ޒޯނަށް ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.