English Edition
Dhivehi Edition
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އިންޓަނޭޝަނަލް ޓާމިނަލަށް ވަންނަ ތަން - ފޮޓޯ: އަވަސް

މަސްތުވާތަކެތި ރާއްޖެ ގެނެސް އެ ތަކެތި އެއާޕޯޓުން ބޭރު ކުރަން އުޅުނު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ދެ މުވައްޒަފަކާއެކު ޖުމްލަ ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މަސްތުވާތަކެތި ފެނުނީ އުސޫލުން ބޭރުން މާޗް 15، ގައި ބޭރު ކުރަން އުޅުނު ލަގެޖެއްގެ ތެރެއިން ކަމަށެވެ. މި ގޮތުން މި ލަގެޖުން ޖުމުލަ 4.5 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ލަގެޖުން ފެނުނު މަސްތުވާތަކެތީގެ ތެރޭގައި މެތާއި ހެރޮއިން ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އެމްއޭސީއެލްގެ ދެ މުވައްޒަފުންގެ އިތުރުން ޕާކިސްތާނުގެ މީހަކާއި ފޮއްޓާ ހަވާލުވާން އައި މީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ. އެމީހުންނަށް ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން އެކަމުގައި ހިމެނޭ އެންމެ އިސް މީހާކަމުގައި ވާ އެމްއޭސީއެލް ގެ މުވައްޒަފަކު ކޯޓުން ދޫކޮށްލާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި އެމްއޭސީއެލް ގެ އިތުރު މުވައްޒަފުންވެސް ޝާމިލުވާކަމަށް ތުހުމަތުކުރެވޭ އިރު ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.