English Edition
Dhivehi Edition

ކޮވިޑް 19 އިން ދިފާޢުވުމަށް ޖަހާ ފައިޒާ ވެކްސިންގެ އައު ޝިޕްމެންޓެއް ރާއްޖެ ގެނެސްފި އެވެ. މިއަދު ގެނައި މި ޝިޕްމެންޓުގައި 100،620 ޑޯޒް ހިމެނޭ އިރު، ޔުނިސެފުން ބުނީ މިއީ ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެ ގެނައި ޝިޕްމެންޓެއް ކަމަށެވެ.

މި ޝިޕްމެންޓާއެކު ވެކްސިން ޖެހޭ އާބާދީއަށް ވެކްސިން ދިނުމާއެކު ބޫސްޓަރ ޑޯޒް ޖަހަން ބޭނުން ކުރެވޭނެ ކަމަށް ޔުނިސެފުން ބުނެފައި ވެއެވެ.

ރާއްޖޭގައި ބޫސްޓަރ ޑޯޒު ޖަހަން ފަށާފައިވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ނެވެ. އަދި ބޫސްޓަރ ޑޯޒްގެ ގޮތުގައި ޖަހަމުން ގެންދަނީ ފައިޒާ ވެކްސިނެވެ. ބޫސްޓަރ ޑޯޒް ޖަހާނީ ވެކްސިން ފުރިހަމަކުރި މީހުންގެ ތެރެއިން ހަ މަސްދުވަސް ފުރިހަމަކުރި މީހުންނަށެވެ.

ފްރަންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުންނާއި 50 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމް ބަލިކަށި މީހުންނަށް ވެސް ބޫސްޓަރ ޑޯޒް އަންނަނީ ޖަހަމުން ނެވެ. އެޕޮއިންޓްމަންޓް އުސޫލުން ހުޅުމާލެ ހޮސްޕިޓަލް، އައިޖީއެމްއެޗް، އޭޑީކޭ އަދި ދަމަނަވެށިން ބޫސްޓަރ ޑޯޒު ޖަހައިދެ އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބަށް ބަލާ އިރު، ވޭތުވެދިޔަ 24 ގަޑިއިރު 496 މީހުން ބޫސްޓަރ ޑޯޒް ޖަހާފައިވާ އިރު، އޭގެ ތެރެއިން މާލެ ސަރަހައްދުގައި 317 މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފަ އެވެ. އަތޮޅު ތެރެއިން ޖެހީ 179 މީހުން ނެވެ. މިއާއެކު 22،093 މީހުން ވަނީ ވެކްސިންގެ ބޫސްޓަރ ޖަހާފަ އެވެ.