English Edition
Dhivehi Edition

އައްޑޫސިޓީގެ އަވަށްތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ޖަނަރޭޓަރުގެ ތެރެއިން މައްސަލަ ދިމާވި 4 ޖަނަރޭޓަރުގެ ތެރޭގައި ހިމެނޭ 1 ޖަނަރޭޓަރު މަރާމާތުކޮށް އަލުން ޚިދުމަތަށް ނެރެފިއެވެ.

“އައްޑޫސިޓީގައި މަރާމާތުކުރާ ހަތަރު ޖަނަރޭޓަރުގެ ތެރެއިން އެއްޖަނަރޭޓަރުވަނީ ސާވިސްއަށް މިއަދު ނެރެފައި،” ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބާކީހުރި ތިން ޖަނަރޭޓަރު މަރާމާތު ނުކުރެވި ލަސްވަނީ އޭގެ ސްޕެއާ ރާއްޖެއިން ލިބެންނެތިގެން ކަމަށެވެ.

އަލިފާނުގެ ހާދިސާއެއް ހިންގައިގެންނޫނީ އައްޑޫގެ ކަރަންޓަށް މިހާރު ދިމާވެފައިވާކަހަލަ “އިމަޖެންސީއެއް” އަދި ދިމާވެފައިނުވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އައްޑުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ފޮނުވާ ތިން ޖަނަރޭޓަރު ކުރިއަށްއޮތް 48 ގަޑިއިރުތެރޭގައި އައްޑުއާ ހަމައަށް ފޯރާނެ ކަމަށް އަންދާޒާ ކުރައްވާ ކަމަށެވެ.

އައްޑޫސިޓީއާއި، ލ. ފޮނަދުއާއި، ފުވައްމުލަކުސިޓީއަށް ފޮނުވާ ޖަނަރޭޓަރުތައް ހިފައިގެން މާލެއިން އުޅަނދެއް މިރޭ ފުރާގޮތަށްވަނީ ހަމަޖެހިފައެވެ. ޖަނަރޭޓަރުތައް ހިފައިގެން އަންނަ އުޅަނދު ފުރަތަމަ ދާނީ އައްޑުއަށެވެ. އެއަށްފަހު ފުވައްމުލަކަށެވެ. ފޮނަދުއަށްދާގޮތަށް އޮތީ އެންމެ ފަހުންނެވެ.

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުނުކުރެވި މިހާރުވަނީ 5 ވަރަކަށް ދުވަސްވެފައެވެ. ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑެމުންދާތީ އެކަމުގެ އުނދަގޫ އާންމުނަށް ވަރަށްބޮޑަށްވަނީ ކުރިމަތިވެފައެވެ.