English Edition
Dhivehi Edition

ޕެނަލް ބޯޑަކަށް ދިމާވި މައްސަލައަކާއި ގުޅިގެން އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑިއްޖެއެވެ.

މިއަދު މެންދުރު ދިމާވި މިހާދިސާ ހައްލުކުރުމަށ ްމަސައްކަތް ކުރަމުން ގެންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އައްޑޫގެ ކަރަންޓްގެ މައްސަލައަކީ ހައްލު ނުވެ ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލައެކެވެ. އައްޑޫގެ އިތުރުވަމުން އަންނަ އާބާދީއާއި ބަލައި ކަރަންޓު ކޭޕޭސިޓީ އިތުރުކުރަން ޖެހޭއިރު، އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށްޓަކައި ކުރިއަށް އޮތް 10 އަހަރަށް އަމާޒުކޮށް 25 މެގަވޮޓުގެ ކަރަންޓު އައްޑޫގައި އުފެއްދޭ ވަރަށް ކެޕޭސިޓީ އިތުރުކުރަންޖެހިފައިވާ ކަމަށް އައްޑޫސިޓީ މޭޔަރ އަބްދުﷲ ޞޯދިޤް ވަނީ ވިދާޅުވެފައެވެ.

މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބުމުގެ ޝަކުވާ އިންތިހާ އަށް ބޮޑުވެފައި ވީނަމަވެސް މިހާތަނަށް އެއްވެސް ސަރުކާރަކުން ނިމުމެއް ގެނެސްދެވިފައެއް ނެތެވެ. އަބަދުވެސް ވަގުތީ ހައްލު ގެންނާތީ އައްޑޫގެ ރައްޔިތުން އެކަމުގެ ކަންބޮޑުވުން ފާޅުކުރި ނަމަވެސް އެކަމަށް ހައްލެއް ނުލިބެއެވެ.