English Edition
Dhivehi Edition

އައްޑޫއަށް ކަރަންޓުގެ މައްސަލަ ދިމާވެގެން އެ މައްސަލަ ހައްލުވަންދެން ކަރަންޓު ދެމުން ގެންދަނީ 39 ޓްރާންސްފޯމަރުގެ ތެރެއިން 35 ޓްރާންސްފޯމަރުން ކަމަށް ފެނަކައިން ވިދާޅުވެއްޖެއެވެ.

“އައްޑޫގައި ކަރަންޓު ދިނުމަށް ބޭނުންކުރާ 39 ޓްރާންސްފޯމަރުގެ ތެރެއިން ހަތަރު ޓްރާންސްފޯމަރުން ކަރަންޓު ކަނޑާފައި ހުންނާނީ،” ކަރަންޓު ކެނޑޭ މައްސަލައާ ބެހޭ ގޮތުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ޝަރީފް އާދަމް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އައްޑޫގެ އަވަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ޖެނެރޭޓަރުތަކެއް ވަރަށް އަވަހަށް އައްޑުއަށް ފޮނުވާނެ ކަމަށެވެ.

ކަރަންޓު ކެނޑުމުގެ މައްސަލަ އައްޑޫގެ އަވަށްތަކަށް ދިމާވެފައިވަނީ މަރުކަޒީ އިންޖީނުގޭގައި ބޭނުންކުރާ 11 ޖަނަރޭޓަރުގެ ތެރެއިން ހަތަރު ޖަނަރޭޓަރަށް މައްސަލަ ދިމާވެގެން ކަމަށް އޭނާ ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމަށްޓަކައި އިތުރު ތިން ޖަނެރޭޓަރު އައްޑުއަށް ފޮނުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެޖަނަރޭޓަރުތައް ހަފުތާ ބަންދުތެރޭގައި ފޮނުވުމަށް މަސައްކަތް ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އައްޑުއަށް ފޮނުވަނީ 1.2 ކިލޯވޮޓުގެ ޖަނަރޭޓަރަކާއި 1 ކިލޯވޮޓްގެ ދެ ޖަނަރޭޓަރުސެޓެވެ.

ޝަރީފް ވިދާޅުވީ އައްޑުއަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލު ކުރުމަށް ވަރަށްބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އަދި ހައްލެއް ލިބިފައެއް ނުވެއެވެ.

ރޭގަނޑާއި ދުވާލުގެ އެކި ގަޑިތަކުގައި އައްޑޫގެ އަވަށްތަކުން ކަރަންޓު ކެނޑެމުންދާތީ އާންމު ދިރިއުޅުމަށްވެސްވަނީ ދަތިވެފައެވެ.