English Edition
Dhivehi Edition
ފެނަކައިން އައްޑޫއަށް ގެންދާ އާ ޖެން ސެޓްތައް - ފޮޓޯ: ޓްވިޓާ (ފެނަކަ)

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ދެ ޖެނެރޭޓަރު ސެޓް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކައިން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އައްޑޫގެ ކަރަންޓު ޙާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ދެ މެގަވޮޓްގެ އާ ދެ ޖެނެރޭޓަރު ސެޓު، ލޭންޑިންގ އެއާކްރާފްޓަށް ލޯޑް ކޮށްފައިވާ ކަމަށެވެ.

އަދި ށ. ކޮމަންޑޫގެ ކަރަންޓުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި 400 ކިލޯވޮޓްގެ އާ ޖެންސެޓެއް އެރަށަށް ގެންދިއުމަށް ބޯޓަށް އަރުވާފައިވާ ކަމަށްވެސް އިއްޔެ ފެނަކައިން ވަނީ ބުނެފަ އެވެ.

އައްޑޫ ސިޓީ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަކީ މިހާތަނަށްވެސް ޙައްލެއް ލިބިފައި ނުވާ ކަމެކެވެ. ނަމަވެސް މިދިޔަ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު އައްޑޫގައި 20 މެގަވޮޓްގެ ކަރެންޓު އުފެއްދޭނެ ނިޒާމެއް ޤާއިމްކުރުމަށް، ޗައިނާގެ ޑޮންފަންގ އިލެކްޓްރިކް އިންޓަނޭޝަލް ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ.

އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދު ވިދާޅުވީ އެ މަޝްރޫޢު ނިމިގެންދާއިރު ފައިބާ އޮޕްޓިކް ކޭބަލުން މުޅި އައްޑޫ ގުޅާލެވޭނެ ކަމަށާއި، 20 މެގަވޮޓްގެ ކަރަންޓު އުފެއްދުމަށް އެއްބަސްވެފައި ވީނަމަވެސް، މުޅި މަޝްރޫއު ނިމޭއިރު 36 މެގަ ވޮޓްގެ ކަރަންޓު އުފެއްދޭނެ ކަމަށެވެ.

އަދި 37.5 މިލިއަން ޑޮލަރުގެ އެ މަޝްރޫޢު ފުރިހަމަ ކުރެވުމުން ދެކުނުގައި ދިމާވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށާއި، މިސަރުކާރުން ދެކުނުގައި ހިންގުމަށް ރާވާފައިވާ އިޤްތިޞާދީ މަސައްކަތްތައް ފެށުމަށް އިތުރު ހަލުވި ކަމެއް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެއެވެ.