English Edition
Dhivehi Edition

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް، ގައުމު ދެކެ ލޯބިވާ ހުރިހާ ރައްޔިތުން ބައިވެރިވުމަކީ މުހިންމު ކަމެއް ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

“އިންޑިއާ މިލިޓަރީ އައުޓް” މި ޝިއާރުގެ ދަށުން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން އިން ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން މިއަދު ރައީސް ޔާމީން ވަނީ ގުރައިދޫއަށް ވަޑައިގަންނަވާފައެވެ. އެ ރަށުގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުމާ ދެކޮޅަށް ހިންގާ ހަރަކާތުގައި ބައިވެރިވާންވީ ވަކި އުމުރެއް ނުވަތަ ވަކި ގިންތިއެއްގެ ބަޔަކު ނޫން ކަމަށެވެ. އަދި މިކަމުގައި ހުރިހާ އެންމެންވެސް ބައިވެރިވާންޖެހޭ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

“އިންޑިއާ އައުޓް” ޖަހާފައިވާ ރަތް ކުލައިގެ ޓީޝާޓެއް ތުރު ކުރައްވައިގެން ހުންނަވި ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަށް ނަފްރަތު ކުރާ ކަމަށެވެ. އަދި އިންޑިއާ ސިފައިން ރާއްޖެއިން ފައިބަންޖެހޭނެކަމަށް ރައީސް ޔާމީން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ޖަލު ބަންދުގައި ދެ އަހަރަށް ވުރެ ގިނަ ދުވަހު ހުންނެވުމަށްފަހު މިނިވަންވެ ވަޑައިގެން އަތޮޅުތެރޭގެ ރަށްތަކަށް ރައީސް ޔާމީން ކުރައްވާ ފުރަތަމަ ދަތުރުގައި އެމަނިކުފާނާއެކު ޕީޕީއެމްގެ އިސް ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.