ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި ދައުލަތުގެ ވަކީލުން ހީ ސަކަރާތް ނުޖެހުމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް އެދިވަޑައިގެންފިއެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން އާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ މިއަދުގެ އަޑުއެހުމުގައި އޮތީ މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ ހެކިބަސް ނެގުމެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ދިފާއީ ވަކީލުން ވާހަކަ ދައްކަމުން ދިޔައިރު ދައުލަތުގެ ވަކީލުން ހީ ހެދުމުން އެ މައްސަލަ ބައްލަވާ އިސް ގާޒީ ޝަކީލްވަނީ ޝަރީއަތުގެ މަޖިލީހަކީ ހީ، ސަކާރާތް ޖަހާ މަޖިލީހެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ދައުލަތުގެ ވަކީލުން އެކަން ތަކުރާރު ކުރާނަމަ ފިޔަވަޅު އަޅުއްވާނެކަމަށްވެސް އިސް ގާޒީ ޝަކީލް ވިދާޅުވިއެވެ. ” ދައުލަތުގެ ވަކީލުން އެއް ބޭފުޅަކު އަނެއް ބޭފުޅަކު ކޮއްޓާ، ހީ ސަރަކާތް ޖަހާ މަޖިލީހެއް ނޫން މިއީ.” އިސް ގާޒީ ޝަކީލް ވިދާޅުވިއެވެ
އިތުރަށް އިސް ގާޒީ ޝަކީލް ވިދާޅުވީ އެފަދަ ކަމެއް ކުރައްވާ ނަމަ ޝަރީއަތުގެ މަޖިލީހުން ޖެހޭނީ އެ ވަކީލަކާ ދޭތެރޭގައި ފިޔަވަޅު އަޅާފައި، އެ ވަގުތަކު ޝަރީއަތުން އަމަލު ކުރަންޖެހޭ ގޮތަކަށް އަމަލުކުރަންކަމަށެވެ.