ރާއްޖޭގައި އޯލެވެލް އިން ފާސްވާ ކުދިންގެ އަދަދު ނިސްބަތުން ދަށް ކަމަށް, އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރި މިހެން ވިދާޅުވީ, އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ދެންނެވި ސުވާލަކަށް ޖަބާބު ދެއްވަމުންނެވެ.
ދިވެހި ދަރިވަރުން އެވްރެޖުކޮށް 12 އަހަރު ސްކޫލްގައި ކިޔެވި ނަމަވެސް، ރާއްޖޭގެ ތައުލީމީ ފެންވަރު ދަށްވުމުގެ ސަބަބުން ހަތަރު އަހަރުގެ ކިޔެވުން އެ ކުދިންނަށް ގެއްލޭނެ ކަމަށް ވޯލްޑް ބޭންކްގެ ހިއުމަން ކެޕިޓަލް ރިވިއު ރިޕޯޓްގައި ވަނީ ބުނެފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހަމައެކަނި ރާއްޖޭގެ އޯލެވެލް ތަފާސްހިސާބުތަކަށް ބެލިނަމަވެސް އެކަން ހާމަވަގެން ދާ ކަމަށް. އޭނާ ވިދާޅުވީ، އޯލެވެލްގައި ފަސް މާއްދާއިން 65 ޕަސެންޓް ފާސްވުމުގެ ގައުމީ ޓާގެޓާ ހަމައަށް މިހާތަނަށް ހަގީގީ މާނައިގައި ވާސިލްވެވިފައިނުވާ ކަމަށެވެ.
ހުޅުމާލެ އަށް މަދުވެގެން އިތުރު ހަ ސްކޫލު ވީ އެންމެ އަވަހަކަށް ބޭނުންވާ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓަރު މިއަދު ވިދާޅުވިއެވެ.
ސަތާރަ ސަތޭކަ ކުދިންނަށް ކިޔަވައިދެވޭ ސަލާހުއްދީން ސުކޫލުގައި މި ވަގުތު ވެސް 2،053 ކުދިން ކިޔަވައިދެއެވެ.
ހުޅުމާލޭ ފޭސް ދޭއްގައި މުވަގުތު ކިޔަވައިދެމުން އަންނަނީ ހަމައެކަނި ސަލާހުއްދީން ސްކޫލުގައި. ހުޅުމާލެ 2 ގައި ދިރިއުޅޭ މީހުންގެ އާބާދީ އިތުރުވަމުން އަންނައިރު، ބާރުބޮޑުވާތީ ކުރިއަށް އޮތް ދިރާސީ އާ އަހަރާ އެކު، އެ ސްކޫލުގެ ކިޔެވުން ދެ ދަންފަޅިއަށް ބަދަލުކުރަން ވަނީ ނިންމައިފައެވެ.
ދިރާސީ އައު އަހަރު ބަދަލުކުރީ ފިސްކަލް އައު އަހަރާއި އެލައިންކޮށް އެއްގޮތް ކުރުމަށް ކަމަށް ވެސް މިނިސްޓަރު މިއަދު ވަނީ ވިދާޅުވެފައެވެ.
ދިރާސީ އައު އަހަރު ވަކި ގޮތަކަށް އަތުރާ ތާވަލްކޮށް ދަރިވަރުންނާއި ބެލެނިވެރިންނަށް އަންގާ މުޅި ނިޒާމް އެގޮތަށް ތަރުތީބުކޮށް ތަންޒީމްވެފައިވާ ކަމަށާއި އިމްތިހާންތައް ވެސް އެގޮތަށް އެކުލަވާލާފައިވާ ކަމަށެވެ. އެކަން އެހެން އޮއްވާ ކުއްލިއަކަށް ކުރުގަޅުވާލާފައި، މަދު ހަފްތާކޮޅެއްގެ ތެރޭގައި އެތައް ހާސް ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންނަށް އައިސްދާނެ ނޭދެވޭ ބަދަލަކަށް ބެލުމެއް ނެތި ކުއްލި ކުއްލިއަށް ދިރާސީ ކަލަންޑަރާއި ކުޅުއްވަނީ ކީއްވެގެންތޯ މެންބަރު ހަސަން ލަތީފް ވަނީ ސުވާލުކުރައްވާފައެވެ.
ދިރާސީ އަހަރު ބަދަލުކުރީ ކުރީ ސަރުކާރުން ގެނެސްފައިވާ ބަދަލުން ލިބޭ ފައިދާ އަށް ވުރެ ގެއްލުން ބޮޑު ކަމަށް ފެންނާތީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރީގައި ހަދާފައި ހުރި ދިރާސާތަކަށް ބަލާއިރު ޓީޗަރުންނާއި، ދަރިވަރުން އަދި ބެލެނިވެރިން ވެސް ބޭނުން ވަނީ ކުރިން އޮތް ގޮތަށް ދިރާސީ އަހަރު އަހަރުގެ ކުރީކޮޅު ފަށަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބަޖެޓުގެ ނިޒާމާއި ދިރާސީ އައު އަހަރާއި ނުގުޅުމުން ވެސް ދަތިތަކެއް ދިމާވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދިރާސީ އަހަރު އަހަރުގެ މެދުތެރެއިން ފެށުމުން ދަރިވަރުންނަށް ގެއްލުންވާ ކަމަށް ޤަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި. މީގެ އިތުރުން ކޮވިޑްގެ ހާލަތަކަށް ފަހު ދިރާސީ އަހަރަށް ބަދަލެއް ގެންނަން ޖެހޭ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް މިނިސްޓަރު ވަނީ މިއަދު މަޖިލީހުގައ ވިދާޅުވެފައެވެ.