އޮމިކްރޯންގެ އިތުރު ކޭސްތަކެއް ރާއްޖެއިން ފެނިއްޖެ އެވެ.
އެޗްޕީއޭ އިން މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައެްދަލުވުމުގައި އެޗްޕީއޭގެ އެޕިޑިމިއޮލޮޖިސްޓު ޑރ. އިބްރާހިމް އަފްޒަލް އެވެ.
ޑރ. އަފްޒަލް ވިދާޅުވީ އެންމެފަހުން ފެނުނީ ހަތަރު ކޭސް ކަމަށާއި އެހެންކަމުން އޮމިކްރޯންގެ ޖުމްލަ ފަސް ކޭސް ރާއްޖެއިން މިހައިތަނަށް ފެނުނީ ކަމަށެވެ. އަދި މި ހަތަރު ކޭސް ވެސް ފެނިފައިވަނީ ރާއްޖެ އައި ފަތުރުވެރިންގެ ގައިން ނެގި ސާމްޕަލްތަކުން ކަމަށެވެ.
އެހެންނަމަވެސް، އެންމެ ފުރަތަމަ ފެނުނު އޮމިކްރޮންގެ ކޭހާއި މި ހަތަރު ކޭހަކީ އެއްވެސް ގުޅުމެއް ނެތް ކޭސްތަކެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.
މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ މި ކޭސްތަކުގެ ރިސްކް އެސެސްމެންޓުތައް ހަދަމުން ގެންދާ ކަމަށާއި އޮމިކްރޮން އާ މެދު ވަކި ޚާއްސަ ފިޔަވަޅެއް ނެތް ކަމަށެވެ.
“މި ވޭރިއެންޓަކީ ގައިން ގައަށް ޖެހުމުގެ ފުރުސަތު ބޮޑު ވޭރިއެންޓެއް ކަމަށްވާތީ މިހާރު އަޅާފައިވާ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒު ކުރުން ވަރަށް މުހިންމު.” ޑރ. އަފްޒަލް ވިދާޅުވި އެވެ.
މި ވެރިއަންޓުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރުން ވަނީ އައު ވޭރިއެންޓުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މިދިޔަ މަހުގެ 28 އިން ފެށިގެން އެފްރިކާގެ ދެކުނަށް ނިސްބަތްވާ ދެކުނު އެފްރިކާ، ނެމީބިއާ، މޮޒަންބީކު، ލެސޯތޯ، ބޮޓްސްވާނާ، ޒިމްބާބްވޭ، އަދި އެސްވަޓީނީން ރާއްޖެއަށް އެތެރެވުން މަނާކޮށްފަ އެވެ.