ކޮވިޑް 19 އާއި ގުޅިގެން އައްޑޫސިޓީގެ ގަމާއި ކޮލަމްބޯ އާއި ދެމެދު ސްރީލަންކަން އެއާލައިނުން ކުރަމުން އައި ޝެޑިއުލް ދަތުރުތައް ހުއްޓިގެން ދިއުން ވެގެން ދިޔައީ އައްޑޫގެ އިގްތިޞާދަށް އެކަމުން ބޮޑު އަސަރެއް ކުރި ކަމަކަށެވެ. ސްރީލަންކަން އެއާލައިނުގެ ކާގޯއަށް ބަރޯސާވެ އައްޑޫގައި ފެށި ކުދި ގިނަ ވިޔަފާރިތައް ހުއްޓާލަން ޖެހުނު އެއްސަބަބަށް އެކަން ވެގެން ދިޔައެވެ. ހަމައެއާއެކު ބޭރުގައުމަތަކުން ސީދާ އައްޑޫއަށް ދަތުރުކުރެވެން ހުރި ދޮރާށި ތައް ބަންދުވެ ފަސޭހަ ކަމާއެކު އައްޑޫއަށް އަންނަމުން އައި ފަތުރުވެރިންނަށް އެ މަގު ބަންދުވެ އައްޑޫގެ ފަތުރުވެރިކަން ހީނަރުވެގެން ގޮސް އައްޑޫގައި އޮތް ބޮޑު 2 ރިސޯޓު ބަންދުކުރާ ހިސާބަށް ދިޔައީއެވެ.
ގާތްގަނޑަކަށް 2 އަހަރު ފަހުން ޑިސެމްބަރ މަހުގެ 4 ވަނަ ދުވަހު އަލުން ސްރީލަންކަން އެއާލައިންގެ ދަތުރުތައް އައްޑޫއަށް ފަށާފައިމިވަނީ މި ހުރިހާ އުއްމީދެއް އަލުން އާކޮށްދެމުންނެވެ. މީގެ ކުރިންވެސް މާ ބޮޑުފައިދާއެއް ނެތި ގަން -ކޮލަމްބޯ ދަތުރުތައް މެދުނުކެނޑި ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔަ އެ އެއާލައިނުން މިފަހަރުގެ ދަތުރުތައް އެ އާލައިނުން ޚާއްޞަކުރީ އައްޑޫގެ އިތުރުން ދެކުނުގެ 4 އަތޮޅަށެވެ. ގަން އެއާޕޯޓަކީ ހަބެއްގެ ގޮތުގައި ހަދައި ކަނެކްޓިވިޓީ ފްލައިޓްތަކާއެކު މުޅި ދެކުނު ގުޅުވާލުމުގެ އުއްމީދާއެކުގައެވެ.
ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އައި އިރު ސްރީލަންކަން އެއާލައިނުގެ ރާއްޖޭގެ ކަންޓްރީ މެނޭޖަރ ފައުޒަން ފަރީދު ވިދާޅުވެފައިވަނީ ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް އައްޑޫސިޓީ އަށް ފެށުމަށް ތައްޔާރުވަމުން އަންނަނީ އައްޑޫސިޓީގެ ރައްޔިތުން ދިން ހިތްވަރާއި އެއްބާރުލުމުގެ ސަބަބުންކަމަށެވެ. އަދި އަލަށް ދަތުރުތައް ފެށިގެންމިދަނީ އާ އުއްމީދުތަކަކާއެކުގައި ކަމަށާއި ދެކުނުގެ 4 އަތޮޅުގެ ރައްޔިތުންގެ އެއްބާރުލުމާއި އެކު މި އުއްމީދުތައް ފުރިހަމަ ކުރުމަށް އެ ޓީމުން ތައްޔާރަށް ތިބި ކަމަށް ފައުޒަން ވިދާޅުވިއެވެ.
ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ސްރީލަންކަން އެއާލައިންސްގެ ފްލައިޓް ޖެއްސިއިރު އެ އެއާޕޯޓުވެސް ވަނީ އެކަމަށް ފުރިހަމައަށް ތައްޔާރުވެފައެވެ. އޭ ތްރީ 80 ފިޔަވައި އެހެން ހުރިހާ އެއާކްރާފްޓް ތަކަށް ވެސް ސަރވިސް ދެވޭނެ ތަނެއްގެ ގޮތުގައި، އިންޓަނޭޝަނަލް ދަތުރުތަކަށް ބޭނުންވާ ހުރިހާ ޚިދުމަތް ތަކަކާ އެކު އެއާޕޯޓު ތަރައްގީކޮށް ނިންމަމުން އަންނަ އިރު އެއަރޕޯޓު ކޮންޕެނީގެ މެނޭޖިން ޑިރެކްޓަރ ގައިސް ނަސީރު ވިދާޅުވީ ދެމެހެއްޓެނިވި ގޮތަކަށް އައްޑޫސިޓީގެ ގަމަށް ފްލައިޓްތައް އޮޕަރޭޓް ކުރުމަށް ބޭނުންވަނީ ދެކުނުގެ އެއާޕޯޓް ތަކުގެ ކަނެކްޓިވިޓީ ކަމަށާއި ސްރީލަންކަންއިން އައްޑޫއަށް ދަތުރުފަށާފައި އޮތީ މޯލްޑިވިއަނުން ކަނެކްޓިވިޓީ ދޭ ގޮތަށް ކަމަށެވެ.
ސްރީލަންކަން އެއާލައިންގެ ރާއްޖޭގެ ސޭލްސް އެޖެންޓް، އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ފިރާގު ވެސް ވިދާޅުވެފައިވަނީ ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް އައްޑޫސިޓީގެ ގަމަށް އަލުން ފަށާފައިވާއިރު އެއާލައިނުގެ މެއިން ފޯކަސް އަކީ ދެކުނުގެ ސަރަހައްދުގައި ހުރި ރިސޯޓު ތަކާއި ގެސްޓް ހައުސް ތަކަށް ކަނެކްޝަންސް ލިބޭނެހެން ޔޫރަޕްގެ ކަނެކްޝަންސް ލިބޭ ގޮތަށް ދަތުރުކުރެވޭނެ ގޮތް ވުން ކަމަށެވެ.
“ސްރީލަންކަން އެއާލައިންސް ގެ ދަތުރުތަކާއެކު “އޭސް އޭވިއޭޝަން “ގެ ދަށުން ހިންގާ ޕެސެންޖަރ ސޭލްސް އެޖެންޓް “އޭސް ޓްރެވެލް” ގެ އޮފީހެއް އައްޑޫގައި ހުޅުވައި ޚިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނަ އިރު ފިރާގު ވިދާޅުވީ އިތުރަށް ރާއްޖޭގެ ޑޮމެސްޓިކް އެއާލައިންސް ތަކާ ވެސް ވާހަކަ ދައްކަމުން ގެންދާ ކަމަށާއި އަދި ޓުއަރ އޮޕަރޭޓަރުންނާ ވެސް ވާހަކަ ދެކެވެމުން ދާކަމަށެވެ.
އައްޑޫގެ ގަން އެއާޕޯޓަކީ އަކީ ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އެއާޕޯޓު ކަމަށް ވުމުން މާލެއާއި ހަމަ އަށް ކަނެކްޝަންސް ދިނުމަކީ އެހާ އުނދަގޫ ކަމަކަށް ވެގެން ނުދާނެކަމަށާއި އަދި ދެކުނަކީ މާލެއިން ދުވާލަކަށް 6 ފްލައިޓް ނުވަތަ 8 ފްލައިޓް އަޅާ ތަންތަން ކަމަށް ވުމުން މާލެއާއި ހަމައަށް ފަތުރުވެރިން އުފުއްލުމަކީ މާބޮޑު މައްސަލައަކަށް ވެގެން ނުވާނެ ކަމަށް އެންމެން ގަބޫލުކުރެއެވެ.
އައްޑޫގެ އިތުރުން މުޅި ދެކުނުގެ ރައްޔިތުން ތިބީ އުއްމީދުގައެވެ. ސަރުކާރާއި ރާއްޖޭގެ ގައުމީ އެއާލައިނާއި އަދި ހުރިހާ މުއައްސަސާތަކާއި ގުޅިގެން ދެކުނުގެ ފަތުރުވެރިކަން ކުރިއަރުވައި ދެކުނުގެ އިގުތިސާދު ކޮޅަށް ޖެހޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.
@aonews Srilankan Airline ge dhathuruthah Addu ah feshun ; Dhekunuge igthisaadhu rangalhuvumuge kolhumathi #srilankanairlines✈️ #ganinternationalairport