ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް އައްޑޫސިޓީގެ ގަމަށް އަލުން ފަށާފައިވާއިރު އެއާލައިނުގެ މެއިން ފޯކަސް އަކީ ޔޫރަޕްގެ ކަނެކްޝަންސް ލިބޭ ގޮތަށް ދަތުރުކުރެވޭނެ ގޮތް ވުން ކަމަށް ސްރީލަންކަން އެއާލައިންގެ ރާއްޖޭގެ ސޭލްސް އެޖެންޓް، އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް މިއަދު ފެށުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަވަމުން ފިރާގު ވިދާޅުވީ މެއިން ފޯކަސް އަކީ ޔޫރަޕްގެ ކަނެކްޝަންސް ލިބޭ ގޮތަށް ދަތުރުކުރެވޭނެ ގޮތް ވުންކަމަށާއި އަދި ދެކުނުގެ ސަރަހައްދުގައި ހުރި ރިސޯޓު ތަކާއި ގެސްޓް ހައުސް ތަކަށް ކަނެކްޝަންސް ލިބޭ ގޮތަށް ދަތުރުތައް ރޭވުން ކަމަށެވެ.
” އައްޑޫއަކީ ވަރަށް ލިމިޓެޑް ރިސޯސް ހުރި ތަނެއް. އެ އުސޫލުން އަޅުގަނޑުމެން އިންޓަނޭޝަނަލް އެއާލައިނެއް އޮޕަރޭޓް ކުރާ ކަމަށް ވާނަމަ އައްޑޫ ވާން ޖެހޭ މުޅި ސަރަހައްދަށް ކަނެކްޝަންސް ލިބޭ އެއާޕޯޓެއްގެ ގޮތުގައި. އަޅުގަނޑުމެން މި ބަލަނީ ލ. އިން ފެށިގެން ދެކުނަށް ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސަޕޯޓު ކުރެވޭނެކަމަށް” ފިރާގު ވިދާޅުވިއެވެ.
ގާތްގަނޑަކަށް 2 އަހަރުގެ މެދުކެނޑުމަކަށް ފަހު މިއަދު ގަމަށް އައި ސްރީލަންކަން އެއާލައިންސް ގެ ފްލައިޓުން ޔޫރަޕްގެ އެކި ސެކްޓަރ ތަކުން ކަނެކްޓް ވެފައި ތިބި 34 ފަތުރުވެރިން އައްޑޫއަށް ވަނީ އައިސްފައެވެ.
“ހީކުރި ވަރަށް ވުރެ މިއަދުގެ ރިޓާންވެސް ރަނގަޅު. މި ބަލަނީ ރީޖަނަލް ޓުއަރިޒަމަކަށް ނޫން. ޔޫރަޕިއަން ކަނެކްޝަންސް ފުދޭ ވަރަކަށް ލިބޭ. ގާތްގަނޑަކަށް 34 ވަރަކަށް ފަސިންޖަރުން ތިބި ޔޫރަޕްގެ އެކި ސެކްޓަރ ތަކުން ކަނެކްޓް ވެފައި. މާނައަކީ އެއީ ސީދާ ޓޫރިޒަމަށް އަސަރުކުރާނެ ކަންކަން. އަދި އަޅުގަނޑުމެންގެ ވިޔަފާރިތަކަށް ވެސް ފުރުސަތު ހުޅުވިގެންދާނެ. ” ފިރާގު ވިދާޅުވިއެވެ.
“އޭސް އޭވިއޭޝަން “ގެ ދަށުން ހިންގާ ޕެސެންޖަރ ސޭލްސް އެޖެންޓް “އޭސް ޓްރެވެލް” ގެ އޮފީހެއް އައްޑޫގައި ހުޅުވައި ޚިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނަ އިރު ފިރާގު ވިދާޅުވީ އިތުރަށް ރާއްޖޭގެ ޑޮމެސްޓިކް އެއާލައިންސް ތަކާ ވެސް ވާހަކަ ދައްކަމުން ގެންދާ ކަމަށާއި އަދި ޓުއަރ އޮޕަރޭޓަރުންނާ ވެސް ވާހަކަ ދެކެވެމުން ދާކަމަށެވެ.
” މާލޭގެ މިވަގުތު ވަރަށް ޕީކް ކޮށް މަސައްކަތް ކުރަމުން ދަނީ. އޭގެ ސަބަބުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް ވެސް އަދި ރިސޯޓުތަކަށް ވެސް ދަތިތަކާ ދިމާވޭ. އަޅުގަނޑުމެން ގަބޫލު ކުރަނީ ސަރުކާރުގެ ވިސްނުންވެސް ހުންނާނީ މި ޑިސްޓްރިބިއުޝަން ބޮޑުކުރުމޭ އެގޮތުން އަޅުގަނޑުމެން ގަމަށް ދަތުރު ފެށިއިރު ޓޫރިޒަމް މިނިސްޓްރީގެ އެއްބާރުލުން އަދި ވަކިން ޚާއްޞަކޮށް އިކޮނޮމިކް މިނިސްޓްރީގެ އެއްބާރުލުން ދެއްވި. އަޅުގަނޑުމެންނަށް ދިމާވާ ދަތިތައް އެކިހާލަތްތައް މިދަނީ ޝެއަރ ކުރަމުން އަދި އެކަމަށް ދަނީ ހައްލުވެސް ލިބެމުން. ރިސޯޓް ތަކާ ވެސް ވާހަކަ ދައްކައިގެން ވަރަށް ރަނގަޅަށް ކަނެކްޝަންސް ލިބެމުން ދަނީ. އިތުރަށް ނެޓްވޯކް ފުޅާ ކުރުމަށް އަޅުގަނޑުމެން ދަނީ މަސައްކަތް ކުރަމުން”
ފިރާގު ވިދާޅުވީ އައްޑޫގެ ގަން އެއާޕޯޓަކީ އަކީ ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އެއާޕޯޓު ކަމަށް ވުމުން މާލެއާއި ހަމަ އަށް ކަނެކްޝަންސް ދިނުމަކީ އެހާ އުނދަގޫ ކަމަކަށް ވެގެން ނުދާނެކަމަށެވެ. އަދި ދެކުނަކީ މާލެއިން ދުވާލަކަށް 6 ފްލައިޓް ނުވަތަ 8 ފްލައިޓް އަޅާ ތަންތަން ކަމަށް ވުމުން މާލެއާއި ހަމައަށް ފަތުރުވެރިން އުފުއްލުމަކީ މާބޮޑު މައްސަލައަކަށް ވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“އުއްމީދުކުރަނީ މަޑުމަޑުން ގޮސް އިތުރު އެއާލައިން ތައް ވެސް މިތަނަށް އަންނާނެ ކަމަށް. އުއްމީދަކީ އައްޑޫގައި ހުރި އެނދުކޮޅު އެކަންޏެއް ނޫން. މާލެއާއި ހަމައަށް ޕަސިންޖަރުން ގެންދެވޭނެ ގޮތް ވުން. މާލެއިން މިކޮޅަށް އަންނަ ޕަސިންޖަރުންގެ ބަދަލުގައި މިކޮޅުން ވެސް މާލެއާއި ހިސާބަށް ފަސިންޖަރުން ފޮނުވޭނެ ކަމަށް ގަބޫލުކުރަން. ތަންކޮޅެއް ރޭވުންތެރިކަމާއެކު ކުރެވިއްޖެއްޔާ ނުވާނެ ކަމެއްނޫން ކަމަށް ދެކެނީ” ފިރާގު ވިދާޅުވިއެވެ.
ސްރީލަންކަން އެއާލައިނުން ބުނެފައިވަނީ ގަން- ކޮލަމްބޯ ދަތުރުތައް ފެށީ ދުނިޔޭގެ ގިނަ ގައުމު ތަކުގެ ބޯޑަރު ތައް ހުޅުވުމާއި އަދި ރާއްޖޭގެ ބޯޑަރު ވެސް ހުޅުވުމާއެކު އޮޕޮޗުނިޓީސް ހުރިކަމަށް ބަލައިގެން ކަމަށެވެ.